Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ރައީސް މައުމޫންގެ ބޭސްތައް އެމަނިކުފާނަށް ނޭނގި ފުލުހުން އަތުލައިފި: ޝަމީމް

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް މާފުށީ ޖަލުން ދޫނިދޫ ޖަލަށް ބުރާސްފަތި ދުވަހު ބަދަލުކުރުމަށްފަހު، ފުލުހުން އެމަނިކުފާނުގެ ބޭސްތައް އަތުލާފައިވާކަމަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލު އަލްއުސްތާޛް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް ވިދާޅުވީ ރައީސް މައުމޫން ދޫނިދޫ ޖަލަށް ބަދަލުކުރުމަށްފަހު ފުލުހުން އެމަނިކުފާނުގެ ދަބަސްކޮޅުން އެބޭސްތައް ނަގާފައިވާކަމަށެވެ. އަދި ބުރާސްފަތި ދުވަހުގެރޭ ބޭސް ފަރިއްކުޅުއްވަން ބެއްލެވިއިރު ބޭސްތައް ނެތްކަމަށް ޝަމީމް ވިދާޅުވިއެވެ. ރައީސް މައުމޫންގެ ބޭސްތައް ފުލުހުން ނެގީ އެމަނިކުފާނަށް ނޭނގިކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވަނީ ރައީސް މައުމޫން ވަނީ ކޮންބައެއްގެ ބެލުމުގެ ދަށުގައިތޯ ސުވާލު ކުރައްވާފައެވެ. ކަރެކްޝަނުން އަލީ ޝާހިދު، ރައީސް މައުމޫން ހުންނެވީ ޕޮލިހުންގެ ދަށުގައި ކަމަށް ބުނެފައިވާ ކަމަށާއި، އަދި ޕޮލިހުން އެ މަނިކުފާނުގެ ޒިންމާ ނަންގަވާނީ ކަރެކްޝަންގެ އަޒްލީން އަހުމަދު ކަމަށް ބުނެފައިވާ ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ. ރައީސް މައުމޫން ހުންނެވީ ސީދާ ކޮން ތަނެއްގައިކަމެއް އެމަނިކުފާނުގެ ޤާނޫނީ ވަކީލުންނަށް އެނގިވަޑައިނުގަންނާކަމަށް ވިދާޅުވެ، ކަރެކްޝަނަލް ސަރވިސަސްއިން ރައީސް މައުމޫން 'ވަގަށް ނަގާފައިވާ' ކަމަށް ޝަމީމް ސިފަކުރެއްވިއެވެ.

ކަރެކްޝަނަލް ސަރވިސްއިން ބުނީ ރައީސް މައުމޫނު ދޫނިދޫ ޖަލަށް ބަދަލު ކޮށްފައިވަނީ ޖަލުތަކާއި ޕެރޯލް ޤާނޫނުގެ ދަށުން ޚާއްސަ ހާލަތެއްގައި ކަމަށެވެ. ރައީސް މައުމޫން ދޫނިދޫ ޖަލަށް ބަދަލުކުރެވިފައިވަނީ އެމަނިކުފާނުގެ ސިއްހީ ޙާލަތު އިންތިހާއަށް ގޯސްވުމާއި ގުޅިގެން މާލެއިން ޑޮކްޓަރުން މާފުއްޓަށް ގެންގޮސް އެމަނިކުފާނަށް ފަރުވާ ދީފައިވަނިކޮށެވެ.

އެ މަނިކުފާނަކީ އުމުރުން ދުވަސްވެފައިވާ ބޭފުޅެއް ކަމަށާއި ﷲ އަށްޓަކާ ނަމަވެސް ކޮންމެވެސް ވަރެއްގެ އިހްތިރާމެއް ރައީސް މައުމޫނަށް ކުރެއްވުމަށް ޝަމީމް އެދިވަޑައިގެންނެވިއެވެ.