ކުރީގެ އިިންތިހާބުގައި ބޭނުންކުރި ނެޓްބުކް (ލެޕްޓޮޕް) ތައް އިންތިހާބަށްފަހު އަނބުރާ ފިނޭންސް މިނިސްޓްރީއާއި ހަވާލުކޮށްފައިވާ ކަމަށާއި، ނިމިގެންދިޔަ ލޯކަލް ކައުންސިލް އިންތިހާބަށް ނެޓްބުކް ނުގެންނަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވަނީ އީސީން މިދިޔަ ލޯކަލް ކައުންސިލް އިންތިހާބަށް 400 ލެޕްޓޮޕް ގެނެސް އެންމެ ދުވަހަކު ބޭނުން ކުރުމަށްފަހު ގުދަނަށް ލާފައިވާކަމަށް ވިދާޅުވެފައެވެ. އަދި އެއީ އެތައް މިލިއަން ރުފިޔާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ލެޕްޓޮޕްތައް ބޭނުން ނުކޮށް އަލުން 550 ޓެބްލެޓް ގެނެސްގެން ހިންގަން ރާވާފައިވަނީ ވައްކަމެއް ކަމަށާ އެ ވައްކަން ހުއްޓާލުމަށް ތަކުރާރުކޮށް ގޮވާލައްވައިފައިވެއެވެ.
އެ ވިދާޅުވާ އީސީން ގެނައި ނެޓްބުކްތަކަށް ވީ ކިހިނިއްތޯއާއި އިންތިހާބުގައި ނެޓްބުކްގެ ބަދަލުގައި ޓެބްލެޓް ބޭނުންކުރަނީ އިންތިހާބު އޮޅުވާލުމަށްކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކަށް އީސީގެ މެންބަރު އަހުމަދު އަކްރަމް ވަނީ ރައްދު ދެއްވާފައެވެ. އަކްރަމް ވިދާޅުވީ ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބަށް ނެޓްބުކް ނުގެންނަ ކަމަށެވެ. އަދި އެ އިންތިހާބުގައި ބޭނުންކުރީ 2013 ވަނަ އަހަރުގެ އިންތިހާބުގައި ބޭނުންކުރި ނެޓްބުކްތައް ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.
އެނެޓްބުކްތައް މިހާރު ވީ ހިސާބަކާއި ބޭހެގޮތުން އަކްރަމް ވިދާޅުވީ އިންތިހާބުތަކަށް ގެންނަ އެއްޗެހިތައް ގިނަ ދުވަސްވުމުން ފިނޭންސް މިނިސްޓްރީއާއި ހަވާލުކުރާ ކަމަށާއި އެ އެއްޗެހި އެކި ތަންތަނަށް ފިނޭންސުން ދެމުންދާކަމަށެވެ. އަދި އެންމެ ފަހުން ނެޓްބުކްތައް ގެނެސްފައިވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އަކްރަމް ވިދާޅުވީ ކުރިން ނެޓްބުކުން ކުރި ހުރިހާ މަސައްކަތެއް މިފަހަރު ޓެބްލެޓުން ކުރާނެ ކަމަށެވެ. އަދި އިންތިހާބުގެ ހުރިހާ މަރުހަލާއެއްވެސް ދާނީ ގާނޫނާއި ގަވާއިދުގެ ތެރެއިން ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ. ވޯޓު ގުނުމުގެ ހުރިހާކަމެއްވެސް ކުރިއަށްދާނީ މީގެކުރިން އަމަލުކޮށްފައިވާ ގޮތަށް ކަމަށާއި އަދި ވޯޓް ގުނާ ނިމުމަށްފަހު ކޮންމެ މަރުކަޒެއްގައިވެސް ނަތީޖާ އިއުލާންކޮށް އެތަނެއްގައި ނަތީޖާ ޝީޓް ވަގުތުން ތަތްކުރެވިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކޮމިޝަނުން ނިންމާފައި އޮތީ ކުރިން ނެޓްބުކް ބޭނުންކުރި ހުރިހާ ކަމަކަށް ބޭނުން ކުރާނީ ޓެބްލެޓް ކަމަށް އަކްރަމް ވިދާޅުވިއެވެ. ކުރިން އީސީއިން ޑެސްކްޓޮޕް ފޮނުވީ ކަމަށާއި މިހާރު އެ ބަދަލުވެގެން މި އައީ ނެޓްބުކަށް ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ. އޭގެ ފަހުން ބަދަލުވެގެން މިއައީ ޓެބްލެޓަކަށް ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ. އީސީން މިފަހަރުގެ އިންތިހާބަށް ރަށްރަށަށް ކިޓް ފޮނުވުމުގެ ކުރިން ގައުމީ ލަފާދޭ ކޮމިޓީގެ ބޭފުޅުންނަށް އެ ކިޓް ދައްކާލާނެ ކަމަށާއި އޭގެ ތެރޭގައި ޓެބްލެޓްގެ އިތުރުންވެސް ވަރަށް ގިނަ ސާމާނު ހުންނާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ. އެ ކިޓް ހުރިހާ ބޭފުޅުންނަށް ދައްކާލާނެ ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.
އަކްރަމް ވިދާޅުވީ އީސީން ޓެބްލެޓް ގެންނަ ކަމުގެ މައުލޫމާތު ސިޔާސީ ޕާޓީތަކުގެ ލީޑާޝިޕްގައި ހިމެނޭ ފަރާތްތަކަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި ޓެބްލެޓްގެ މައުލޫމާތު އެމްޑީޕީގެ ލީޑާޝިޕްގައި ހިމެނޭ ބޭފުޅުންނާއި ވަރަށް ރަނގަޅަށް ހިއްސާ ކުރައްވައިފައި ވާނެކަމަށެވެ.