އިދިކޮޅު އިއްތިހާދުގެ ސަރުކާރުގެ އެންމެ ހިތްގައިމު ސިޔާސަތަކަށް ވެގެންދަނީ ކައުންސިލްތައް ބާރުވެރިކުރެވުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ހަސަން މިހެން ވިދާޅުވީ ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ފަރާތުން ރޭ ރ. އަލިފުށީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ހަސަން ވިދާޅުވީ ގަޑުބަޑުކޮށްފައިވާ ލާމަރުކަޒީ ނިޒާމް ހަމައަކަށް އަޅުވާ ކައުންސިލްތަކަށް ފުރިހަމަ ބާރު އިއްތިހާދުގެ ވެރިކަމެއްގައި ދެވޭނޭކަމަށެވެ. އަދި ރައްޔިތުންނަށް އެންމެ ގާތުން ޚިދުމަތް ދެވޭނެގޮތް ހެއްދެވުމަށް މިނިސްޓްރީތަކުން މިހާރު ކުރާ މަސައްކަތްތައް ކައުންސިލްތަކުން ކުރަން ފެށުމުން ރައްޔިތުންނަށް އިތުރު ލުއި ފަސޭހަތައް ލިބިގެންދާނޭކަމަށް ހަސަން ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި ހަސަން އިތުރަށް ވިދާޅުވީ އެ ރަށަކާއި ކައިރީގައި ހުރި ފަޅުތަކާއި ރަށްތަކާއި ފަޅުތަކުން ލިބޭ ފައިދާއިން ބައެއް، ކައުންސިލްތައް ހިންގުމަށް ލިބޭނެ ކަމަށާއި ރަށުގައި ލޯކަލް ޓޫރިޒަމް ފުޅާކޮށް ރަށުގައި ފަތުރުވެރިކަން ކުރާނެގޮތާއި ގުޅޭ ވެބްސައިޓެއް ވެސް ކައުންސިލުން މެދުވެރިކޮށް ހިންގޭނެގޮތް ހައްދަވާނެކަމަށެވެ.
ހަސަން ވިދާޅުވީ ރަށުގެ ކައުންސިލް ވެގެން ދާނީ ފްރަންޓް އޮފީހަށް ކަމަށާއި، އަދި ކައުންސިލްގެ ރައީސް ވެގެން ދާނީ ރަށުގެ ޖެނެރަލް މެނޭޖަރަށް ކަމަށެވެ.
މީގެ އިތުރުން މުޅި ރާއްޖޭ ދަތުރުފަތުރުގެ ވިއުގައަކުން ގުޅާލެވޭނެކަމަށާއި، ދަނޑުވެރިކަމުގެ ހަރުދަނާ ސިޔާސަތެއް ޤާއިމްކޮށް އެގްރި ބޯޓްތަކަށް ދަނޑުވެރިކަމުން ހައްދާތަކެތި ވަގުތުން ކިރާލާ ވަގުތުން ފައިސާ ލިބޭނެ ނިޒާމެއް ޤާއިމް ކުރެވޭނޭ ކަމަށްވެސް ހަސަން ވިދާޅުވި އެވެ.