ރީރެޖިސްޓްރޭޝަނަށް އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ރަށްވެރިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރ ވާން ހުށަހެޅި މީހުންގެ ތެރެއިން، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ގިނައިން ބާތިލްކޮށްގައި ވަނީ އެމްޑީޕީއަށް ނިސްބަތްވާ މީހުންގެ ފޯމްކަމަށް ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.
އިބޫ މިހެން ވިދާޅުވީ މިހާރު ރ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު އުނގޫފާރަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި މުޚާތަބުކޮށް ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން އިބޫ ވިދާޅުވީ އީސީ އިން ބާތިލްކުރި ގިނަ ފޯމަކީ އެމްޑީޕީއަށް ނިސްބަތްވާ މީހުންގެ ފޯމްތައް ކަމަށާއި ޕީޕީއެމްއާއި އީސީ އިން ގުޅިގެން ރީ-ރެޖިސްޓްރޭޝަން ފޯމްތައް ގަޑުބަޑުކޮށްފައިވާ ކަމަށެވެ.
ނަމަވެސް ވޯޓު އޮޅުވާލަން މުއައްސަސާތަކާއި ސަރުކާރުން މަސައްކަތް ކުރި ނަމަވެސް ކުރިމަތިވަމުންދާ ހުރަސްތައް ގިރާކޮށް، ފަހަތަށް ޖެހިވަޑައިނުގެން ހުންނަވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން ރޭ ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ރިޔާސީ އިންތިޚާބު 2018 އަށް ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކުރެވުނު ފަރާތްތަކުގެ ތެރެއިން 5626 ފޯމުގައިވާ މަޢުލޫމާތުގެ ޞައްޙަކަން ކަށަވަރުނުވާތީ، އެ ފޯމުތައް ބާޠިލްކޮށްފައިވާ ކަމުގައެވެ.
ޞައްހަކަން ކަށަވަރު ނުވުމުގެ ސަބަބުން ރީ-ރަޖިސްޓްރޭޝަން ފޯމު ބާޠިލުވާ ފަރާތްތަކުގެ ލިސްޓެއް އީސީގެ ވެބްސައިޓުގައި ޝާޢިއުކޮށް ސިޔާސީ ޕާޓީތަކާ ހިއްސާކުރެވޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.
އީސީ އިން ބުނީ ރީ-ރަޖިސްޓަރީ ކުރުމަށް އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ހުރިހާ ރަށެއްގެ ރަށު ކައުންސިލް އިދާރާތަކުގައި، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުގައި އަދި މާލޭ ސިޓީގައިނަމަ އިންތިޚާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން) ގައި 27 އޮގަސްޓް 2018 އިން 29 އޮގަސްޓް 2018 އަށް ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން ހަވީރު 06:00 ގެ ނިޔަލަށް ކަމަށެވެ.
ރާއްޖެއިން ބޭރުގައިނަމަ ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ރާއްޖެއިންބޭރު ޤައުމުތަކުގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް އޮފީސްތަކުންނާއި ދިވެހިރާއްޖޭގެ އެންބަސީތަކުން، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން ހަވީރު 04:00 އަށެވެ.
އީސީ އިން ބުނީ މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ބަދަލު ނުކޮށްފިނަމަ އެ ފަރާތްތަކަށް ވޯޓު ލެވޭނީ ރަށްވެހިވެފައިވާ ރަށުގައި ކަމަށެވެ.