Last Updated: June 24, 06:35
Wednesday, June 24, 2026
ޚަބަރު

"ސިޔާސީ ޕާޓީއެއްގައި ހުންނަވާ ނަމަ ހުންނަވާނީ އެމްޑީޕީގައި ކަމަށް ޑރ. އަފްރާޝީމް ވިދާޅުވި"

އިއްތިހާދުގެ ކެންޑިޑޭޓް ރ. އުނގޫފާރު ރައްޔިތުންނާއި މުޚާތަބުކުރައްވަނީ - ފޮޓޯ: ޓްވިޓާ (އެމްޑީޕީ)

2012 ވަނަ އަހަރު އަވަހަރާކޮށްލާފައިވާ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ ސިޔާސީ ޕާޓީއެއްގައި ހުންނަވާ ނަމަ ހުންނަވާނީ އެމްޑީޕީގައި ކަމަށް ވިދާޅުވި ކަމަށް ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

އިބޫ މިހެން ވިދާޅުވެފައި ވަނީ މިހާރު ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ޑރ. އަފްރާޝީމްގެ އުފަން ރަށް ކަމުގައިވާ އެ އަތޮޅު އުނގޫފާރަށް ވަޑައިގެން، އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

އެގޮތުން އިބޫ ވިދާޅުވީ ޑރ. އަފްރާޝީމަކީ އެމަނިކުފާނުގެ ވަރަށް ގާތް ރަހުމަތްތެރިއެއް ކަމަށާއި، ސައްޙަ ދީނީ އަޤީދާ ބަޔާންކޮށްދިނުމުގައި ސާބިތުވެ ހުންނެވި ބޭފުޅެއް ކަމަށެވެ.

"އަފްރާޝީމް އެންމެފަހުން އަޅުގަނޑާ މަޖިލީހުގެ ތެރެއިން ބައްދަލުވި ދުވަހު ވިދާޅުވީ، އިބޫއޭ، ސިޔާސީ ޕާޓީއެއްގައި ތިމަން ހުންނަން ބޭނުންވާ ކަމަށްވަންޏާ ހުންނާނީ އެމްޑީޕީގައޭ. އެހެން ނަމަވެސް ތިމަންނަ ޕީޕީއެމްގައި މި ހުރީ ރައީސް މައުމޫނަށްޓަކައޭ. ރައީސް މައުމޫނަކީ ތިމަންނަ ވަރަށް ލޯބިވާ، އިހްތިރާމްކުރާ ބޭފުޅެކޭ"، އިބޫ ވިދާޅުވި އެވެ.

"ވޭތުވެދިޔަ ހައެއްކަ އަހަރަކީ މި ރާއްޖެ ދުށް އެންމެ ބިރުވެރި، ނާމާން، އަހަރުތައް. ޑރ. އަފްރާޝީމުގެ މަރަށްފަހު މި ރާއްޖޭގެ މަގުތަކުގައި 31 މީހުން ވަނީ ގޮތް ނޭނގޭ ގޮތްގޮތަށް މަރާލެވިފަ. އޭގެ ތެރޭގައި 23 ޒުވާނަކު ވެސް ހިމެނޭ،" އިބޫ ވިދާޅުވި އެވެ.

ޑރ. އަފްރާޝީމުގެ މަރުގެ ހަގީގަތް ނޭނގޭ ކަމަށް ފާހަގަކުރައްވަމުން އިބޫ ވަނީ މިފަދަ މަރުތަކުގެ ހަގީގަތް ހޯއްދަވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.