Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ފުރަތަމަ 18 މަސް ދުވަހުގެ ތެރޭގައި އިންތިގާލީ އަދާލަތު ގާއިމް ކުރާނަން: އިބޫ

އިދިކޮޅަށް އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ ވެރިކަމުގެ ފުރަތަމަ 18 މަސް ދުވަހުގެ ތެރޭގައި އިންތިގާލީ އަދާލަތު ގާއިމް ކުރައްވާނެކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ރ. އަތޮޅަށް ކުރަައްވަމުން ގެންދަވާ ދަތުރުގެތެރެއިން ރ. އަލިފުށީގައި ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ ގުޅިފައިވާ ސަރުކާރުން ކުރާނެ އެންމެ މުހިންމު އެއްކަމަކީ އިންތިގާލީ އަދާލަތު ގާއިމް ކުރުން ކަމަށާއި އަދި ވެރިކަމުގެ ފުރަތަމަ 18 މަސްދުވަހު އެންމެ ބޮޑު އަމާޒަކީ މި މަސައްކަތްކުރުން ކަމަށް އިބޫ ވިދާޅުވިއެވެ.

ސިޔާސީ ބޭނުމަށް ޖަލަށް ލެވިފައި ތިބި ފަރާތްތަކުގެ ކަންކަން މުރާޖާކޮށް އަދި ވަޒީފާއިން އެކި ސަބަބުތަކާއިހުރެ ސިޔާސީ ބޭނުންމަށްޓަކައި ވަކި ކުރެވިފައިވާ ފަރާތްތައް އޭގެ ތެރެއިން ސިވިލް ސާވެންޓުންނާއި ކުންފުނިތަކުގެ މުވައްޒަފުންނާއި ފުލުހުންނާއި ސިފައިންގެ ތެރެއިންވެސް ވަކިކުރެވިފައި ތިބި ފަރާތްތަކަށް އަނބުރާ އެވަޒީފާ ދޭނެ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.

މީގެ އިތުރުން ވަކި ބަޔަކަށް މަންފާވާގޮތަށް ނުވަތަ ގެއްލުންވާގޮތަށް ނިންމާފައި ހުރި މަދަނީ މައްސަލަތައްވެސް އަލުން މުރާޖައާކޮށް އޭގެ ރަނގަޅުގޮތް ހޯދާ އެފަރާތްތަކަށް ދޭންޖެހޭ ބަދަލު ހޯއްދަވައިދެއްވާނެ ކަމަށް އިބޫ ވިދާޅުވިއެވެ.

ދައުލަތަށް ގެއްލުންވާގޮތަށް ކޮށްފައިހުރި އެގްރީމެންޓްތައް މުރާޖައާ ކުރައްވައި އޭގެ ރަނގަޅުގޮތް ހޯއްދަވައި އަލުން އޭގެ މަސައްކަތް ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި މަގާމުގެ ޒިންމާ ނުއުފުލުގެ ސަބަބުން ރައްޔިތުންނަށް ލިބިފައިވާ ގެއްލުންތައް ބަލައި އެފަރާތްތައް ޖާވާބުދާރީ ކުރުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ މިކަންކަން ކުރެވޭނީ ރިޔާސީ އިންތިހާބު ކާމިޔާބުކޮށްގެން ކަމަށާއި، ކިތަންމެ އުނދަގޫތަކާއި ކުރިމަތިލާން ޖެހުނަސް އެ ދަތިތައް ގިރާކޮށް ރައްޔިތުން ބޭނުންވާ ނަތީޖާ ނެރެދެއްވާނެ ކަމަށެވެ.

ކެމްޕޭން ދަތުރުތަކުގައި އިބޫ ދަނީ ރައްޔިތުންނަށް ވަރަށް އުއްމީދީ މުސްތަޤްބަލަކަށް މަގުފަހިކުރުވާނެ ފަދަ ވާހަކަތައް ދައްކަވަމުންނެވެ. އެމަނިކުފާނަށް ތާއީދު ކުރައްވާ ފަރާތްތަކުން އެމަނިކުފާނު ދައްކަވާ ވާހަކަފުޅުތައް ހަގީގަތަކަށް ހައްދަވާނެ ކަމަކަށް ޝައްކެތް ނުކުރެއެވެ.