Last Updated: June 24, 06:35
Wednesday, June 24, 2026
ޚަބަރު

ކޯލިޝަން ދެމެހެއްޓިދާނެކަން މިވަނީ ސާބިތުކޮށްދީފައި: އިބޫ

އިއްތިހާދުގެ ކެންޑިޑޭޓަށް ރ. ފައިނުގެ ރައްޔިތުން މަރުހަބާ ދަންނަވަނީ - ފޮޓޯ: ޓްވިޓާ (އެމްޑީޕީ)

ކޯލިޝަނެއް ދެމެހެއްޓުމަކީ ބައެއް މީހުންނަށް ދަތި ކަމަކަށް ވިޔަސް ކޯލިޝަނަކީ ދެމެހެއްޓިދާނެ އެއްޗެއްކަން ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ސާބިތުކޮށްދީފި ކަމަށް އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

އިބޫ މިހެން ވިދާޅުވެފައި ވަނީ ރ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ފައިނަށް ވަޑައިގެން ސަޕޯޓަރުންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން އިބޫ ވިދާޅުވީ ސިޔާސީ ޚިޔާލުތަފާތުވުމާއެކު ވެސް ޤައުމީ މަސައްކަތް ކުރެވިދާނެކަން ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ސާބިތުކޮށްދީފައިވާ ކަމަށެވެ. އަދި ރިޔާސީ އިންތިޚާބަށްފަހުވެސް ކޯލިޝަން އެކުގައި ދެމިއޮންނާނެ. ކަމަށާއި ރައްޔިތުން ބޭނުންވާ ހައްލުތައް ހަތަރު ލީޑަރުންގެ މަޝްވަރާއާއެކު ހޯއްދަވައިދެއްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

"ރާއްޖެ ތަރައްޤީ ވާނީ ތަފާތު ޚިޔާލާއި މަޝްވަރާއާއެކު" އިބޫ ވިދާޅުވިއެވެ. އަދި ގުޅިފައިވާ ޕާޓީތަކުން ކުރައްވަމުން ގެންދަވަނީ ޤައުމީ މަސއްކަތެއް ކަމަށާއި ތަފާތުކުރުމެއް ނެތި ހުރިހާ ރައްޔިތުންނަށް ޚިދުމަތް ދެއްވާނެ ކަމަށެވެ.

މީގެ އިތުރުން އިބޫ ވަނީ ޤައުމު ތަރައްޤީ ކުރުމުގައި ގުޅިފައިވާ ޕާޓީތަކާއި ތަފާތު ފިކުރުގެ މީހުން ވެސް ބައިވެރިވުމަށް ގޮވާލައްވާފައެވެ.

ރައްޔިތުންގެ 90 ޕަސެންޓް ތާއީދު އޮތީ އިއްތިހާދަށް ކަމަށާއި، އިންތިޚާބު އޮޅުވާނުލެވޭނެ ކަމަށާއި މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދައިދޭނެ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.