އަންނަ ސެޕްޓެމްބަރު މަހުގެ 23 ވާ އާދިއްތަ ދުވަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ރަށްވެހިފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކުރުމަށް ހުށަހެޅި މީހުންގެ ތެެރެއިން ގިނަ ބައެއްގެ ފޯމް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބާތިލްކުރީ ރާވައިގެން އިންތިޚާބު އޮޅުވާލުމަށް ކަމަށް ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.
އިބޫ މިހެން ވިދާޅުވެފައި ވަނީ ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި އެ އަތޮޅު އިނގުރައިދޫއަށް މިއަދު ވަޑައިގެން އިއްތިހާދުގެ ޖަގަހަ ހުޅުއްވައިދެއްވުމަށްފަހު ރައްޔިތުންނާއި މުޚާތަބުކުރައްވަމުންނެވެ.
އެގޮތުން އިބޫ ވިދާޅުވީ ރިޔާސީ އިންތިޚާބަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކުރަމުންދާ ކަމަށާއި ނަމަވެސް އެކަންކަމާ ކުރިމަތިލައްވަން އެބޭފުޅުން ތިއްބެވީ ތައްޔާރަށް ކަމަށެވެ. އަދި އިންތިޚާބު މުޅި ރާއްޖޭގެ ތާއީދާއެކު ބޮޑު ތަނުން ކާމިޔާބު ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ގާތްގަނޑަކަށް 6،000 ރައްޔިތުން ރީރަޖިސްޓްރީ ކުރުމަށް ހުށަހެޅި ފޯމު ބާތިލްކޮށްފައިވާއިރު، އޭގެ ތެރޭގައި ގިނައީ އިއްތިހާދަށް ތާއީދު ކުރާ މީހުން ކަމަށެވެ. އަދި އެއީ އޮޅިގެން ކޮށްފައި އޮތް ކަމެއް ނޫން ކަމަށާއި، އެއީ ގަސްދުގައި ރާވައިގެން އިންތިޚާބު އޮޅުވާލުމަށް ކުރި ކަމެއް ކަމަށް އިބޫ ތުހުމަތުކުރެއްވި އެވެ.
އެމަނިކުފާނު ވަނީ ބާތިލް ކޮށްފައިވާ މީހުންގެ ފޯމުތައް އަލުން ހުށަހަޅައިގެން ރީރަޖިސްޓަރީ ވީކަން ޔަގީންކުރުމަށް ގޮވާލައްވާފައެވެ.
އިބޫގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ އިއްތިހާދުގެ ވެރިކަމެއްގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަަމަށާއި ބޯފެނާއި ނަރުދަމާއާއި ކަރަންޓު ނުލިބި ކުރެވޭނެ ތަރައްޤީއެއް ނޯންނާނެ ކަމަށެވެ.
ސިއްޙީ ޚިދުމަތަކީ ވަކި ބަޔަކަށް ލިބެންޖެހޭ އެއްޗެއް ނޫން ކަމަށާއި އިނގުރައިދޫގެ ސިއްޙީ މަރުކަޒު 24 ގަޑިއިރު ޚިދުމަތް ލިބޭ ތަނަކަށް ބަދަލުކުރައްވާނެ ކަމަށް އިބޫ ވައުދުވެވަޑައިގެންނެވި އެވެ.
އަދި ތައުލީމު ނެތް ތަނެއްގައި ތަރައްގީއެއް ނޯންނާނެކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ އިއްތިހާދުގެ ސަރުކާރެއްގައި އެ ރަށުގައި ތިބެގެން އޭލެވެލްއާއި ހަމައަށް ކިޔެވުމުގެ ފުރުސަތު ދަރިވަރުންނަށް ތަނަވަސްކޮށްދެއްވާނެ ކަމަށެވެ.
މީގެ އިތުރުން އިނގުރައިދޫއަކީ ވަޑާމުގެ ރަށެއްކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ އިއްތިހާދުގެ ތައުލީމީ ސިޔާސަތުގެ ތެރެއިން ވަޑާމަށް ޚާއްސަ ފުރުސަތުތަކެއް ޒުވާނުންނަށް ފަހިކޮށްދެއްވާނެ ކަމަށެވެ.
ރާއްޖެއަކީ ކަނޑުގެ ސަރަހައްދު ބޮޑު ގައުމަކަށް ވެފައި އަދި ކަނޑު ދަތުރުފަތުރަކީ ރައްޔިތުންގެ ދިރިއުޅުމުގެ ބޮޑު ބަޔަކަށް ވާއިރު ބޯޓުބަނުމުގެ ދާއިރާއަކީ ކުރިއެރުވޭނެ ދާއިރާއެއް ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.