ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް ކެމްޕޭން ކުރެއްވުމުގެ ގޮތުން އެމަނިކުފާނުގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ލ. އަތޮޅަށް ފުރާވަޑައިގެންފިއެވެ.
ލ. އަތޮޅަށް ޝަހީމް ވަޑައިގެން އެއަތޮޅުގެ އެކި ރަށްރަށުުގައި ކެމްޕޭން ހަރަކާތްތަކެއް ކުރިޔަށް ގެންދަވާނެ ކަމަށް އެ ކެމްޕޭން ޓީމުން މައުލޫމާތު ދެއެވެ. މިގޮތުން ދޮރުންދޮރަށް ވަޑައިގެން ރައްޔިތުންގެ ހާލު ބައްލަވާލެއްވުމާއި، ރައްޔިތުންނާއި ގާތުން ބައްދަލު ކުރެއްވުމުގެ އިތުރުން ޕީޕީއެމްގެ ޖަހަގަ ތަކުގައި ޖަލްސާތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެޓީމުން މައުލޫމާތު ދެއެވެ.
މީގެ ހަފްތާއެއް ކުރިން ޑރ. ޝަހީމް ވަނީ ފުވައްމުލައް ސިޓީގެ އިތުރުން ގދ. ތިނަދޫއަށް ވަޑައިގެން ކެމްޕޭން ހަރަކާތްތަކެއް އެދެރަށުގައި ހިންގަވާފައެވެ. ދަތުރަށްފަހު ޝަހީމް ވިދާޅުވީ ބޮޑު ތަރުޙީބެއް ދެ ރަށުންވެސް ލިބުނު ކަމަށާއި އިންތިޚާބުގައި ބޮޑު ސަޕޯޓެއް ދެ ރަށުން ވެސް ލިބިގެންދާނެ ކަމަށެވެ.
ލ. އަތޮޅަަށް ޝަހީމް މިއަދު ވަޑައިގަންނަވާ އިރު، އިދިކޮޅު ކޯލިޝަން ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ވަނީ މީގެ ދެ ހަފްތާ ކުރިން ކެމްޕޭން ދަތުރެއް އެރަށަށް ކުރައްވާފައެވެ.
އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހް(އިބޫ) ދަނީ ރ. އަތޮޅުގައި ކެމްޕޭން ކުރައްވަމުންނެވެ.