އަންނަ ސެކްޓެމްބަރު 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު ސަރުކާރުން އޮޅުވާލައިފި ނަމަ، އިންޑިއާ ސިފައިން ރާއްޖެ ހިފަންޖެހޭ ކަމަށް، އިންޑިއާގެ ގާނޫނު ހަދާ މަޖިލިސް، ރާޖަ ސަބާގެ ނުފޫޒު ގަދަ މެމްބަރު ސުބްރަމާނިއަން ސުވާމީ ވިދާޅުވެއްޖެ އެވެ.
ސުބްރަމާނިއަން އަކީ ވެރިކަންކުރާ ބީޖޭޕީގެ ނޭޝަނަލް އެގްޒެކްޓިވް ކޮމިޓީގެ މެމްބަރު، އަދި ކުރިން ޔޫނިއަން މިނިސްޓަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.
ސުބްރަމާނިއަން ލަންކާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާ މިދިޔަ ބުދަ ދުވަހު ބޭއްވެވި ބައްދަލުވުމާ ގުޅޭ ގޮތުން ރާއްޖެއެމްވީގައި ރާއްޖެއެމްވީގައި ޝާއިއު ކުރި ހަބަރާ އެކު އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މި ސަރުކާރުން އިންތިހާބު އޮޅުވާލައިފި ނަމަ، އިންޑިއާއިން ރާއްޖެ އަރައި ހިފަން ޖެހޭ ކަމަށެވެ.
https://t.co/nazyiRCOKs: India should invade Maldives if rigging of election takes place
— Subramanian Swamy (@Swamy39) August 24, 2018
ނަޝީދާ އެކު ބޭއްވެވި ބައްދަލުވުމާ ގުޅޭ ގޮތުން ބުދަ ދުވަހު އޭނާ ކުރެއްވި ޓްވީޓްގައި ބުނެފައިވަނީ އިންތިހާބު އޮޅުވާލުމަށް އިންޑިއާއިން ދިވެހި ސަރުކާރަށް އެއްވެސް ވަރެއްގެ ފުރުސަތެއް ދީގެން ނުވާނެ ކަމަށެވެ. އަދި ރާއްޖޭގެ މަޝްރަހާ ބެހޭ ގޮތުން ނަޝީދާ އެކު މަޝްވަރާ ކުރެއްވި އިރު، އެމަނިކުފާނު އެންމެ ކަންބޮޑުވެ ވަޑައިގެން ހުންނެވީ، އަންނަ ރިޔާސީ އިންތިހާބު ސަރުކާރުން އޮޅުވާލަފާނެތީ ކަމަށެވެ.
ސުބްރަމާނިއަން ވަނީ ރާއްޖޭގެ މިހާރުގެ ސަރުކާރުން އިންޑިއާއަކީ ވަރަށް ދަށް ބައެއްގެ ގޮތުގައި ދެކޭ ކަމަށް ވެސް ސިފަކުރައްވާފަ އެވެ. އަދި އެކަން ބަދަލުކުރުމަށް އިންޑިއާ ސަރުކާރުން އެކްޝަން ޕްލޭނެއް އެކުލަވާލަން ވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.
ދިވެހިންގެ ދާޚިލީ ކަންތަކުގެ ތެރެއަށް ވަނުމަށް ގޮވާލުމާއި ގުޅިގެން އޭނާއަށް ވަނީ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައެވެ.