Last Updated: June 25, 11:52
Wednesday, June 25, 2025
ޚަބަރު

މައުމޫން އަނބުރާ މާފުށީ ޖަލަށް ބަދަލުކޮށްފި

ސިއްހީ ހާލުކޮޅު އިންތިހާއަށް ގޯސްވެފައި ވަނިކޮށް އިއްޔެ ދޫނިދޫއަށް ބަދަލުކުރި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު އަނެއްކާ އަނބުރާ މާފުށީ ޖަލަށް ބަދަލުކޮށްފައިވާ ކަމަށް އެމަނިކުފާނުގެ އާއިލާއިން ބުނެފި އެވެ.

ބަލިހާލަތު ގޯސްވެފައިވަނިކޮށް ލޯންޗުން އެއްތަނުން އަނެއް ތަނަށް އެ މަނިކުފާނު ގެންދިޔުން އެއީ އަނިޔާދިނުން ކަމަށް ގަބޫލުކުރައްވާ ކަމަށް އާއިލާއިން ބުންޏެވެ. މައުމޫން ދޫނިދުއަށް ގެންގޮސް، އެމަނިކުފާނާ މެދު ފުލުހުން އަމަލުކުރި ގޮތާ މެދު މައުމޫންގެ ވަކީލުން މިއަދު ކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ.

މާފުށީގައި އެ މަނިކުފާނުގެ ހާލުކޮޅު ގޯސްވުމުގެ ސަބަބުން މާލެ ގެންގޮސް ފަރުވާ ދިނުމަށް ލަފާ ދެއްވާފައި ވަނިކޮށް މާލެއިން ޑޮކްޓަރުން މާފުއްޓަށް ގެންގޮސް ފަރުވާ ދެއްވަން ފައްޓަވާފަ އަނެއްކާ ދޫނިދޫއަށް ގެންދިޔުމަށްފަހު ދަތުރުފަތުރު ނުކުރުމަށް ޑޮކްޓަރުން ލަފާދެއްވާފައިވަނިކޮށް އަނެއްކާ މާފުއްޓަށް ގެންދިޔައީ ކަމަށް އާއިލާއިން ބުނެއެވެ.

މައުމޫންގެ ވަކީލުން ބުނެފައިވާ ގޮތުގައި ދޫނިދޫއަށް ގެންދިޔުމަށްފަހު މައުމޫން ފަރިއްކުޅުއްވަން ޑޮކްޓަރު ދެއްވާފައިވާ ބޭސްތައް ފުލުހުން ވަނީ ނަގާފައެވެ. އަދި ވަކީލުންނާއި މިއަދު ހަވީރު 3:30 ގައި ދިން ފުރުސަތު ވެސް ފަހު ވަގުތު ވަނީ ކެންސަލްކޮށްފައެވެ.

މައުމޫންގެ ހާލުކޮޅާ ގުޅޭ ގޮތުން ކަރެކްޝަންސް އިން އެއްވެސް ވާހަކައެއް މިހާތަނަށް ދައްކާފައެއް ނުވެ އެވެ.

ސިއްހީ ހާލަތު އެހެން ހުރުމުގެ ސަބަބުން މައުމޫން ގެއަށް ބަދަލުކޮށް ދިނުމަށް އާއިލާއިން އެކި ފަހަރު ކޯޓްގައިވެސް އަދި ސަރުކާރުގައިވެސް އެދިފައިވެ އެވެ. އެހެން ނަމަވެސް، ކޯޓުން ވަނީ މައުމޫނުގެ ބަންދަށް ލުޔެއް ނުދޭން ނިންމައިފަ އެވެ.

ކުރީގެ ރައީސް މައުމޫން އެއް އަހަރާއި ހަތް މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ޖުލައި 13 ވަނަ ދުވަހު ހުކުމް ކުރީ އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ފުލުހުން ހިންގި ތަހުގީގަށް އެމަނިކުފާނުގެ ފޯން ދީފައި ނުވާތީ، ދައުލަތުން އުފުލި، އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވެގެން އެވެ.

މައުމޫން ހައްޔަރުކުރީ ފެބުރުއަރީ އެެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު އެވެ. އެ އަމުރާ ގުޅިގެން އެމަނިކުފާނަށް ޓެރަރިޒަމްގެ ދައުވާ ވެސް ދައުލަތުން އުފުލާފައިވެ އެވެ. އެ ދައުވާގެ އަޑުއެހުންތައް ކޯޓްގައި ތާވަލްކުރި ނަމަވެސް ވަނީ ކެންސަލްކޮށްފަ އެވެ. މައުމޫން ދާދި ފަހުން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެމަނިކުފާނުގެ ބަލި ހާލުކޮޅު ހުރި ގޮތުން ދަތުރުފަތުރު ނުކުރުމަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށާއި އެހެން ކަމުން އެމަނިކުފާނުގެ ޝަރީއަތް ޣައިރު ހާޒިރުގައި ހިންގައި ދިނުމަށް ކޯޓްގައި އެދިވަޑައިގަންނަވާ ކަމަށެވެ.

މައުމޫންގެ ހާލުކޮޅު ގޯސްވެފައިވުމުގެ ސަބަބުން އާއިލާ އާއި އެ މަނިކުފާނު ހަވާލުކުރުމަށް ކެނޑިނޭޅި އެކި ފަރާތްތަކުން ދަނީ ސަރުކާރަށް ގޮވާލަމުންނެވެ. އާއިލާއިން ދަނީ އާދޭސް ދަންނަވަމުންނެވެ. އެހެން ނަމަވެސް މިހާތަނަށް ސަރުކާރުން އެކަމަށް ދީފައިވަނީ ހަމަ ރަނގަޅަށްވެސް ބީރު ކަންފަތެކެވެ.