Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ހުޅުމާލޭގައި އަންހެން ކުދިންގެ ގުރޫޕަކުން އަނިޔާކުރި ކުޑަކުއްޖާ ގެއްލިގެން ހޯދަނީ

މި މަހުގެ 24 ވަނަ ދުވަހު “ފޭސްބުކް" ގައި އަންހެން ކުދިންތަކެއް ބައިވެރިވެގެން ކުޑަ އަންހެން ކުއްޖެއްގެ ގައިގާ ތަޅާ މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯގައި އަނިޔާ ލިބުނު ކުއްޖާ ގެއްލިގެން ހޯދަމުން ދާކަމަށް ފުލުހުން ބުނެފިއެވެ.

މި ވީޑިއޯގައި ފެންނަ މަންޒަރު ބެލުމަށްފަހު ބުލީ ކުރުން ހުއްޓުވަންޖެހޭ ކަމަށާއި ކަމާއިބެހޭ ފަރާތްތަކުން އެ މައްސަލަ ބަލަންޖެހޭ ކަމަށް ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ.

ގެއްލިގެން ހޯދަމުންދާ އަންހެން ކުއްޖަކީ ގދ.ތިނަދޫ އާބާދުވާދީ، ނަޝްފާ ޙަސަން (15އ) ކަމަށްވެސް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން އެ ވީޑިއޯ އެނަލައިޒްކޮށް ކުއްޖާ ދެނެގަނެވި އެކުއްޖާގެ އާއިލާއާ ވާހަކަ ދެއްކުމުން، އޯގަސްޓް 19 ވަނަ ދުވަހުން ފެށިގެން އާއިލާގެ ފަރާތުން މިކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާކަމުގެ މަޢްލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމުގައި ފުލުހުން ބުނެއެވެ. އެހެން ނަމަވެސް މި ކުއްޖާ ގެއްލިގެން އެއްވެސް ފަރާތަކުން ފުލުހުންނަށް ރިޕޯރޓްކޮށްފައި ނުވާކަމަށް ފުލުހުން ބުނެއެވެ.

ނަޝްފާ ޙަސަން އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ލަސްނުކޮށް އެމަޢުލޫމާތެއް ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓްގެ ޑިއުޓީ ނަންބަރ 3000600 އަދި 9790163 އަށް ހިއްސާ ކުރުމަށް ފުލުހުން އެދެއެވެ.