ރިޔާސީ އިންތިޚާބަށްފަހު ގާނޫނާއި ހިލާފަށް ރައީސް އަބްދުﷲ ޔާމީން ކުރައްވާފައިވާ ކަންކަމަށް، އެ މަނިކުފާނު ޖަވާބުދާރީ ވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރ. ދުވާފަރުގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ރައީސް ޔާމީން ގާނޫނު އަސާސީއާ ހިލާފަށްވެސް ކަންކަން ކުރައްވާފައިވާ ކަމަށެވެ. އެފަދަ އެތައް ކަމަކަށް އަމިއްލަ ބަހުން އިއުތިރާފުވެ ވަޑައިގެންފައިވާ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.
އެ މަނިކުފާނުގެ އެފަދަ މައްސަލަތަކަށް އަލިއަޅުއްވާ ލައްވަމުން އިބޫ ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަ، ގެއަށް ވަން ފައިސާގެ މައްސަލަ، އާއި މާލޭގެ މަގުމަތީގައި ގަތުލު ކުރެވިގެންދިޔަ ޝަހީދުކުރެވިގެންދިޔަ މީހުންނާއި ބެހޭގޮތުން އެމަނިކުފާނު ދައްކަވާފައި ހުރި ވާހަކަ ތަކާއި އެއީ އެމަނިކުފާނު ޖަވާބު ދޭން ޖެހިވަޑައިގަންނަވާނެ ކަންތައްތައް ކަމަށެވެ.
އިބްރާޙިމް މުހައްމަދު ސޯލިހު ވިދާޅުވީ ގާނޫނާއި ހިލާފަށް ރައީސް ޔާމީން ކުރައްވާފައިވާ ކަންކަމަށް 23 ސެޕްޓެމްބަރުގެ ފަހުން ޖަވާބުދާރީވެ ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ