ދެ އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރުމަށް ފަހު ކުރީގެ ނައިބު ރައީސް، އަހުމަދު އަދީބުގެ ބޭބެ، މަޝްހޫރު ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް(ހާމިދު ސޭޓު) މިއަދު ޖަލުން މިނިވަން ވެއްޖެއެވެ.
އެމްއެމްޕީއާރްސީ ބޮޑު ޚިޔާނާތުގައި ޝާމިލްވާ ހާމިދު ސޭޓުގެ މައްޗަށް ކޮށްފައިވަނީ ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވުމުގެ ކުށް ސާބިތުވުމުން ދެ އަހަރާއި ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.
މީގެ ދެ އަހަރު ކުރިން، 2016 ވަނަ އަހަރު ޖޫން މަހުގެ 23 ވަނަ ދުވަހު ހާމިދު ސޭޓާ ދެކޮޅަށް ކުރި ދައުވާ އޭނާގެ މައްޗަށް ސާބިތުވެފައިވާ ކަމަށް ކޯޓުން ހުކުމް ކޮށްފައިވާއިރު މިއަދަށް ވަނީ ދެ އަހަރާއި ނުވަ މަސް އަދި އަށާރަ ދުވަހު ޖަލު ބަންދަށް ވެފައެވެ.
ނަމަވެސް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ސާބިތުވެފައިވާ މައްސަލަތަކުގެ ސަބަބުން 33 އަހަރު އެއްކޮށް ޖަލު ހުކުމް ތަންފީޒު ކުރަން ވަނީ ހުކުމް ކޮށްފައެވެ. އަދީބާ ދެކޮޅަށް އަދިވެސް ދައުވާތަކެއް ކޯޓުގައި ހިނގަމުންދާއިރު، އަދީބު ވަނީ ހުކުމް ކުރަނީ ކުރިން ރާވައިގެން ކަމަށާއި އެއްވެސް އިންސާފުވެރި ކޮށް ނޫން ކަމަށް ބުނެފައެވެ.