އިންސާނިއްޔަތު ކަމުގެ ކަންފުޅެއް ނެތި ވެރިކަން ނުކުރެއްވޭނެ ކަމަށް ކުރީގެ ބަންޑާރަނައިބު އަދި މަޝްހޫރު ޤާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.
ސުއޫދު މިހެން ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ސިއްޙީ ހާލުކޮޅާ މެދު ކަންބޮޑުވުން ފާޅުކުރައްވާ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
https://twitter.com/hsuood/status/1033246130476212224
އެ ޓްވީޓްގައި ސުއޫދު ވިދާޅުވެފައި ވަނީ ރައީސް މައުމޫން، އެމަނިކުފާނުގެ އާއިލާ ކައިރިއަށް ގެއަށް ބަދަލުކުރަން ޖެހޭ ކަމަށެވެ.
"ރަހުމާއި ހަމްދަރުދީއާއި ނުލައި، އިންސާނިއްޔަތު ކަމުގެ ކަންފުޅެއްނެތި ވެރިކަން ކުރެވިދާނެ ކަމަށް ހީނުކުރައްވާ"، ސުއޫދުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
އެ ޓްވީޓް އަމާޒުކުރައްވަނީ ކޮން ބޭފުޅަކަށް ކަމެއް ސުއޫދު ވިދާޅުވެފައި ނުވި ނަމަވެސް، ލަފާކުރެވޭ ގޮތުގައި ސުއޫދު އެ ބަސްތައް އަމާޒުކުރައްވާފައި ވަނީ ރައީސް އަބްދުﷲ ޔާމީން އަށެވެ.
ސުއޫދު މިހެން ވިދާޅުވިއިރު، ރައީސް މައުމޫންގެ ސިއްޙީ ހާލުކޮޅު ގޯސްވެ މާލެއިން ޑޮކްޓަރުން ފޮނުވައިގެން އެމަނިކުފާނަށް ވަނީ ފަރުވާ ދީފައެވެ. ދޫނިދޫގައި ފަރުވާ ދިނުމަށްފަހު އެމަނިކުފާނު ވަނީ މިހާރު އަނބުރާ މާފުށި ޖަލަށް ބަދަލުކޮށްފަ އެވެ.