Last Updated: July 6, 22:22
Sunday, July 6, 2025
ޚަބަރު

ތަރައްގީގެ ނަމުގައި ޔާމީން ކުރީ ރައްޔިތުން އަޅުވެތި: އަމީތް

މަޑުއްވަރީ ދާއިރާގެ މެމްބަރ އަމީތު، ފޮޓޯ: އަވަސް

ތަރައްގީގެ ނަމުގައި ދިވެހި ރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާ ފާއިތުވެދިޔަ ފަސް އަހަރު ކުރީ ދިވެހި ރައްޔިތުން އަޅުވެތި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ އިއްތިހާދުން ރޭ ރ. ދުވާފަރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަމީތު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ މި ފަސް އަހަރު ނިމޭ އިރު ދައުލަތުގެ ދަރަނި 47 ބިލިއަން ދިވެހި ރުފިޔާއަށް އަރައިގެން ދާނެ ކަމަށެވެ. އަދި ކޮންމެ ރައްޔިތެއްގެ ބޮލުގައި ދޮޅު ލައްކަ ރުފިޔާގެ ދަރަނި އަޅުވާފައި ތަރައްގީ ގެނެސްދެއްވައިފީމޭ ބުނުމުން ލަދުވެތިވާ ކަމަށް އަމީތު ވިދާޅުވިއެވެ.

އަދި ތަރައްގީއޭ ކިޔައިގެން ކިތަންމެ ވަރަކަށް ރައްޔިތުން އޮޅުވާލަން ސަރުކާރުން މަސައްކަތް ކުރިޔަސް، އެކަން ކާމިޔާބެއް ނުވާނެ ކަމަށާއި ރައްޔިތުން މި އަޅުވެތިކަން ބަލައިނުގަންނާނެ ކަމަށް ޖަލްސާގައި ވާހަކަ ދައްކަވަމުން އަމީތް ވިދާޅުވިއެވެ.

އަމީތު އިތުރަށް ވިދާޅުވެފައިވަނީ އަންނަ މަހުގެ 23 ވަނަ ދުވަހު ދިވެހި ކޮންމެ ރައްޔިތަކަށް މިއަޅުވެތިކަމުން ސަލާމަތް ވުމަށް ފުރުސަތު ލިބިގެން ދާނެ ކަމަށެވެ. އެ ފުރުސަތުގެ ބޭނުން ހިފައި، ކުރިއަށް އޮތް އަހަރުތަކަށް އިތުރަށް އަޅުވެތިނުވުމަށް ރައީސް ޔާމީނަށް މިފަހަރު ނޫނެކޭ ބުނުމަށް އޭނާ ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.