ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހަފްތާއެއް ކުރިން ރައީސް އަބްދުﷲ ޔާމީން އިންތިޚާބު ދޫކޮށްލައްވާނެ ކަމަށް އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.
އިބޫ މިހެން ވިދާޅުވީ ރ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި މިއަދު އެ އަތޮޅު މާކުރަތަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން އިބޫ ވިދާޅުވީ އިއްތިހާދަށް ތާއީދުކުރާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާ ކަމަށެވެ. އެއީ ރައީސް ޔާމީން އާއި މިސަރުކާރުގެ އިސް ބޭފުޅުން ދައްކަވަމުން ގެންދަވާ ޙަޤީޤަތާ ޚިލާފު ވާހަކަތަކުގެ ސަބަބުން ކަމަށާއި އެފަދަ ވާހަކަތައް ރައްޔިތުން މިހާރު ޤަބޫލުނުކުރައްވާ ކަމަށް އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ އެ ބޭފުޅުންގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު އިއްތިހާދާއި ގުޅެން ބޭނުން ފަރާތްތައް އެބަތިބި ކަމަށާއި ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ވަރަށް ސާފުކޮށް ފެނިގެންދާނެ ކަމަށެވެ.
"އެބަދަލު އަންނަމުން ގޮސް އިރާދަކުރެއްވިއްޔާ 23 ސެޕްޓެމްބަރު އައުމުގެ ހަފްތާއެއް ކުރިން އަޅުގަނޑަށް ފެންނަނީ ރައީސް ޔާމީން މިއިންތިހާބު ދުކޮށްލައްވާތަން"، އިބޫ ވިދާޅުވި އެވެ.
މީގެ އިތުރުން އިބޫ ވިދާޅުވީ ސިވިލް ސާވިސްގެ މުވައްޒަފުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް މިސަރުކާރުގެ އަމަލުތައް ހުރިގޮތް މިހާރު އެނގޭ ކަމަށާއި، އެހެންކަމުން ވަޒީފާއިން ކަނޑާލާނެތީ ޖެހިލުން ނުވެ މުވައްޒަފުން މިހާރު ނިކުންނަމުންދާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ގެންދަވަނީ އިންތިޚާބު އޮޅުވާލުމަށް މަސައްކަތް ކުރަމުން ކަމަށް ތުހުމަތުކުރައްވައި އިބޫ ވިދާޅުވީ ރައްޔިތުން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދޭންވީ ރީރަޖިސްޓްރީ ކުރެވިފައި އޮތީ ރަނގަޅު ތަނަށްތޯ ބަލައި ޗެކްކުރުމަށް ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މިވަގުތު އަޅުގަނޑުމެންނަށް ކުރިމަތިވެފައި މިއޮތް ހުރަސްތައް ވެސް ގިރާކޮށް 23 ސެޕްޓެމްބަރުގައި އަޅުގަނޑުމެން ވޯޓްލާނީ އަޅުގަނޑުމެން ބޭނުންވާ ވޯޓް ފޮށްޓަށް،" އިބޫ ވިދާޅުވި އެވެ.
މާކުރަތު ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި އިބޫ ވިދާޅުވީ އިއްތިހާދު ވެރިކަމެއްގައި އެރަށުގެ ބަނދަރު މަރާމާތުކޮށްދީ، ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމާއެކު ސުކޫލުގެ ކިޔެވުން އެއްދަންފަޅިއަށް ބަދަލުކޮށްދެއްވާނެ ކަމަށެވެ.
މީގެ އިތުރުން އެ ރަށުގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމްކޮށް ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ ގޮތް ހަދައިދެއްވާނެ ކަމަށްވެސް އިބޫ ވައުދުވެވަޑައިގެންނެވި އެވެ.