ރިޔާސީ އިންތިޚާބާއި ދެމެދު މިއޮތް ވަގުތުކޮޅުގެ ތެރޭގައި މި ސަރުކާރުން ލޯން ނަގާނަމަ، އެ ލޯންތަކާ ހަވާލުވާން ތިބި ބަޔަކީ އިންތިޚާބަށް ފަހު ވެރިކަމާ ހަވާލުވާ އިއްތިހާދުގެ ސަރުކާރުކަން ފާހަގަކުރައްވައި، މިވަގުތުކޮޅުގެ ތެރޭގައި ނަގާ ލޯން ތަކުގެ ޒިންމާ ރައީސް ޔާމީން ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށް އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.
އިބޫ މިހެން ވިދާޅުވީ ރ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި އެ އަތޮޅު އިންނަމާދޫ އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި މުޚާތަބު ކުރައްވަމުންނެވެ.
އެގޮތުން އިބޫ ވިދާޅުވީ މި ސަރުކާރުން ނަގާފައިވާ ބޮޑެތި ލޯން ތަކުގެ ސަބަބުން ދައުލަތް ވަނީ ދަރައި ވިކިފައިވާ ކަމަށާއި މިކަމާ ގުޅިގެން ރައީސް ޔާމީނަށް އިތުރު ފުރުސަތެއް ދިނުމަށް ރައްޔިތުން މިހާރު ބޭނުން ނުވާ ކަމަށެވެ.
އަދި ދިވެހި ރައްޔިތުންގެ އަތުން ޓެކުހުގެ ގޮތުގައި ނަގަމުންދާ ފައިސާ އިން ދައުލަތަށް ލިބޭ ކޮންމެ ރުފިޔާ އަކުން 75 ލާރި މިއަދު ހަރަދުކުރަން ޖެހިފައިވަނީ ދަރަނި ދެއްކުމަށްކަން ފާހަގަކުރައްވައި އިބޫ ވަނީ އިންތިޚާބަށް ކުޑަތަންވެފައި އޮތްވާ ދިވެހި ދައުލަތުގެ ނަމުގައި ލޯން ނެގުމާއި ސޮވެރިން ގެރެންޓީ ދިނުން ހުއްޓާލުމަށް ރައީސް ޔާމީނަށް ގޮވާލައްވާފަ އެވެ.
އިބޫ ވިދާޅުވީ ރާއްޖެ ތަރައްޤީ ކުރުމުގެ ނަމުގައި ނަގަމުންދާ ބޮޑެތި ލޯންތަކުގެ ސަބަބުން ދައުލަތް ދަރަނިވެރިވުމަކީ ރައްޔިތުން އެދޭ ގޮތެއް ނޫން ކަމަށާއި ދިވެހި ރައްޔިތުން ޒިންމާވާންޖެހޭ ގޮތަށް ދިވެހި ދައުލަތުގެ ނަމުގައި މި ސަރުކާރުން ލޯން ނެގުން ހުއްޓާލަން ޖެހޭ ކަމަށެވެ.
އިބޫ ވިދާޅުވީ މިވަގުތުކޮޅުގެ ތެރޭގައި ރައީސް ޔާމީން ލޯން ނެގުމުގެ ބަދަލުގައި މިވަގުތުކޮޅުގެ ތެރޭގައި ކުރަންވީ ކަމަކީ މުވައްޒަފުންނަށް ހަމަހަމަ ކަމާއެކު މުސާރަ ދީ، އަސާސީ ޚިދުމަތްތައް ދިނުން ކަމަށެވެ.