Last Updated: June 24, 03:22
Tuesday, June 23, 2026
ޚަބަރު

13 ތަނެއްގައި ވޯޓްފޮށި ނުބަހައްޓަން އީސީ އިން ނިންމައިފި

އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފް މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ - ފޮޓޯ: ވަގުތު (އަމީން ފަހްމީ)

2018 ސެޕްޓެމްބަރ 23 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓުފޮށި ބަހަށްޓާނެކަމަށް އިޢުލާނުކޮށްފައިވާ ތަންތަނުގެ ތެރެއިން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައަޅާފައިވާ ޢަދަދަށް ރަޖިސްޓަރީކޮށްފައި ނުވާ 13 ތަނެއްގައި ވޯޓުފޮށި ނުބަހައްޓާ ގޮތަށް އެ ކޮމިޝަނުން ނިންމައިފި އެވެ.

އެގޮތުން އިލެކްޝަންސް ކޮމިޝަނުން ވޯޓުފޮށި ނުބަހައްޓަން ނިންމި ތަންތަން ތިރީގައި އެވަނީއެވެ.

ރާއްޖެއިން ބޭރުން:

– އިންޑިއާގެ ނިއު ދިއްލީ
– ސިންގަޕޫރު

ސިނާޢީ މަސައްކަތްކުރާ ތަންތަން:

– ޅ. ފެލިވަރު (ފެލިވަރު ފިޝަރީޒް މޯލްޑިވްސް ލިމިޓެޑްގެ އެކުވެނި)
– ލ. ކައްދޫ (އެއަރޕޯޓު ކުޅިވަރު ފެންޑާ)

ރިސޯޓްތައް:

– އަދާރަން ސިލެކްޓް ހުދުރަންފުށި (ކ. ޅޮހިފުށި)
– ވައްކަރު މޯލްޑިވްސް (ބ.ވައްކަރު)
– އަމިއްލަފުށި އެންޑް ކޯސްޓްލައިން ރެސިޑެންސް (ބ.ފިނޮޅަސް)
– އެޓްމޮސްފިއަރ ކަނިފުށި މޯލްޑިވްސް (ޅ. ކަނިފުށި)
– ކޮކޫން މޯލްޑިވްސް (ޅ. އޫކޮޅު ފިނޮޅު)
– ކޮންސްޓަންސް ހަލަވެލި ރިސޯޓު (އއ. ހަލަވެލި)
– އަމާރި ހަވޮއްޑާ މޯލްޑިވްސް (ގދ. ހަވޮޢްޑާ)
– ކަނުހުރާ (ޅ. ކަނުހުރާ)
– ރޮބިންސަން ކްލަބް ނޫނު (ނ. އޮރިވަރު)

އީސީ އިން ބުނީ އެ ވޯޓުފޮށިތަކަށް ރީ ރަޖިސްޓަރީ ވެފައިވާ މީހުން އެމީހަކު ރަޖިސްޓަރީ ވެފައިވާ ތަންނޫން އެހެންތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކުރުމަށް ބޭނުންވާނަމަ، އޮގަސްޓް 27 އިން އޮގަސްޓް 29 އަށް ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން ހަވީރު 06:00 އަށް ރީ-ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

އަދި ރީ-ރަޖިސްޓަރީ ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ހުރިހާ ރަށެއްގެ ރަށު ކައުންސިލް އިދާރާތަކުގައި، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުގައި އަދި މާލޭ ސިޓީގައިނަމަ އިންތިޚާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން)ގައެވެ. އަދި ރާއްޖެއިންބޭރުގައިނަމަ ރީ-ރަޖިސްޓަރީ ފޯމު ބަލައިގަންނާނީ އެޤައުމުތަކުގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް އޮފީސްތަކުންނާއި ދިވެހިރާއްޖޭގެ އެންބަސީތަކުން، ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން ހަވީރު 04:00 އަށް ކަމަށްވެސް އީސީ އިން ބުނެއެވެ.

އިލެކްޝަންސް އިން ބުނީ އެ މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ބަދަލު ނުކޮށްފިނަމަ އެ ފަރާތްތަކަށް ވޯޓު ލެވޭނީ އެމީހަކު ރަށްވެހިވެފައިވާ ރަށުގައި ކަމަށެވެ.