އަދުލުއިންސާފު ޤާއިމްކުރުމަށް ހުރަސް އެޅިކަމުގެ ކުށް ސާބިތުވެ، މާފުށި ޖަލުގައި ޙުކުމް ތަންފީޒްކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ސިއްޙީ ޙާލުކޮޅާ ބެހޭގޮތުން އެމަނިކުފާނުގެ ޤާނޫނީ ވަކީލު ކުރެއްވި ތުހުމަތުތައް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ދޮގުކޮށްފި އެވެ.
އެމްސީއެސް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސް މައުމޫން މާފުށީ ޖަލަށް ގެންދެވުނީއްސުރެ، އެމަނިކުފާނުގެ ހުރިހާ ކަމެއް ވަނީ އެމަނިކުފާނުގެ އުމުރާއި ބަލިޙާލަތާ ގުޅިގެން ޚާއްސަ އުސޫލެއްގެ ދަށުން ހަމަޖައްސާފައި ކަމަށެވެ. އަދި އެމަނިކުފާނު ދިރިއުޅުއްވުމުގެ ކަންތައްތައް ހަމަޖެހިފައިވަނީ ދަތިކަމެއްނެތި އުޅުއްވެވޭގޮތަށް ތައްޔާރުކޮށްފައިވާ ވަކި ތަނެއްގައި ކަމަށްވެސް ކަރެކްޝަންސް އިން ބުނެއެވެ.
"އަދި އެމަނިކުފާނުގެ ޙާލުކޮޅު ބައްލަވައި، އެހީތެރިވެވަޑައިގެން ދެއްވުމަށްޓަކައި އެމަނިކުފާނުގެ އަނބިކަނބަލުންނަށް ހަމަކޮންމެ ދުވަހަކުވެސް ވަޑައިގަތުމުގެ ފުރުޞަތު ވަނީ ލިބިދެވިފައެވެ. އަދި ހަމައެއާއެކު ހުރިހާ ވަގުތެއްގައިވެސް އެމަނިކުފާނުގެ އަރިހުގައި މީހަކު ބެހެއްޓިފައި ހުންނާނެއެވެ."، ކަރެކްޝަންސްގެ ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި ކަރެކްޝަންސް އިން އިތުރަށް ބުނެފައި ވަނީ ރައީސް މައުމޫންގެ އާލާސްކަންފުޅަށް ބޭނުންވާ ޑޮކްޓަރުންނާއި ބޭހުގެ ހުރިހާ ކަމެއްވެސް ހަމަޖައްސާފައިވާ ކަމަށެވެ.
"މީގެ ތެރޭގައި ބޭނުންވާ ވަގުތުގައި ޑޮކްޓަރުންގެ ޚިދުމަތާއި އަދި ބޭހުގެ ޚިދުމަތްތައްވަނީ ހަމަޖައްސާފައެވެ."، އެ ބަޔާނުގައިވެއެވެ.
ކަރެކްޝަންސް އިން ބުނީ އެއްވެސް ޙާލެއްގައި ރައީސް މައުމޫނަށް ބޭނުންވާ ސިއްޙީ ޚިދުމަތެއް ލިބިދިނުމުގައި އިހުމާލުވެފައި ނުވާނެ ކަމަށެވެ.
މީގެ އިތުރުން ކަރެކްޝަންސްގެ ބެލުމުގައި ދަށުގައި ތިބޭ މީހުންނާމެދު ޙަޤީޤަތެއް ނެތް މަޢުލޫމާތު ނުފެތުރުމަށްވެސް އެ ބަޔާނުގައި އިލްތިމާސްކޮށްފައިވެއެވެ.
ކަރެކްޝަންސް އިން މިހެން ބުނެފައިވާއިރު، ރައީސް މައުމޫނުގެ ބަލިހާލުކޮޅު ބޮޑުވެ އެމަނިކުފާނަށް ފަރުވާ ދެމުން ގެންދާއިރު، ސަރުކާރުން ރައީސް މައުމޫނަށް އެކަށީގެންވާ ބޭސްފަރުވާ ފޯރުކޮށް ނުދޭކަމަށް އެމަނިކުފާނުގެ ވަކީލުންނާއި ސިޔާސީ އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.