ދީނީ ފަތުވާއެއް ދީގެން މި ސަރުކާރުން އެއްވެސް އިލްމުވެރިއަކަށް އަނިޔާކޮށްފައި ނުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް އަދި ދީނީ ޢިލްމުވެރިޔާ ޑރ، މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވުމުން، ޝަހީމްގެ އެ ވާހަކައަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޝެއިޚް އިލްޔާސް ހުސައިން ދެއްވައިފި އެވެ.
ލ، އަތޮޅަށް މިހާރު ކުރަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި އެ އަތޮޅު ކަލައިދޫ އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ޝަހީމް ވިދާޅުވީ ދީނީ އިލްމުވެރިންނަށް މިނިވަންކަން ހޯދާދީފައިވަނީ ރައީސް ޔާމީންގެ ސަރުކާރުން ކަމަށާއި، ދީނީ ފަތުވާދީގެން އެއްވެސް އިލްމުވެރިއަކަށް މި ސަރުކާރުން ގޯނާއެއް އަދި އަނިޔާއެއްކޮށްފައިނުވާނެ ކަމަށެވެ.
އެ ވާހަކަތަކަށް ރައްދުދެއްވަމުން ޝެއިޚް އިލްޔާސް ވަނީ އޭނާގެ ދީނީ ފަތުވާ ދިނުމުގެ ހުއްދަ 2016 ބާތިލްކުރި ކަން އެންގި ސިޓީގެ ފޮޓޯއެއް ހިމަނައި ޓްވީޓެއް ކުރައްވާފައެވެ.
MI Sarukarun ilmuverinna evves aniyaeh nukuraakamah fathuramundha vahakathakakee kihavaregge thedhu hageegathethoa rayyithun faisalakuravva
Hukuru khuthuba kiyaigen islamic ministry in alhugandah libunu sity pic.twitter.com/Rj6f16jQjc— Ilyas Hussain (@shkilyas) August 25, 2018
އެ ޓްވީޓްގައި ޝެއިޚް އިލްޔާސް ވިދާޅުވެފައި ވަނީ މި ސަރުކާރުން ޢިލްމުވެރިންނަށް އެއްވެސް އަނިޔާއެއް ނުކުރާ ކަމަށް ފަތުރަމުންދާ ވާހަކަތަކަކީ ކިހާވަރެއްގެ ތެދު ޙަޤީޤަތެއްތޯ ރައްޔިތުން ބަލައި، ގޮތެއް ނިންމެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"ހުކުރު ޚުޠުބާ ކިޔައިގެން އިސްލާމިކް މިނިސްޓްރީ އިން އަޅުގަނޑަށް ލިބުނު ސިޓީ"، އެ ޓްވީޓްގައި ޝެއިޚް އިލްޔާސް ވިދާޅުވެފައިވެއެވެ.
2016 ވަނަ އަހަރު ޝެއިޚް އިލްޔާސްގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އާއި ހުކުރު ނަމާދާއި އީދު ނަމާދު އިމާމުވެ ކުރުމުގެ ހުއްދަ ސަރުކާރުން ބާތިލްކުރީ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ޤަވާއިދާ ޚިލާފަށް އައްޑޫގައި ޚުތުބާއެއް ދެއްވި ކަމަށް ބުނެ އެވެ.
އެ ޚުތުބާގައި ޝެއިޚް އިލްޔާސް ވިދާޅުވެފައިވަނީ ކާޑުގެ އަގު ބޮޑުވަނީ ވެރިންނާ ހިސާބުން ވައްކަން ބޮޑުވުމުން ކަމަށާއި އެފަދަ އަމަލުތައް ފެންނަ ނަމަ، ރައްޔިތުންނަށް އޭގެ ދަތިތައް ފޯރާނެ ކަމަށެވެ.
މީގެ އިތުރުން، މި ސަރުކާރުން ވަނީ ދީނީ އިލްމުވެރިޔާ ޝެއިޚް އަލީ ޒައިދަށް ދީފައިވާ ދީނީ ދަރުސް ދިނުމުގެ ހުއްދަވެސް ގިނަ ދުވަސްތަކަކަށް ހިފަހައްޓާފައެވެ. އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އިޔާޒަށް މިފަހަރު އިމާމުވެ ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުމުގެ ހުއްދަ ދިނުމަށްވެސް އިސްލާމިކް މިނިސްޓްރީން ވަނީ ދެކޮޅު ހަދާފައެވެ.