Last Updated: June 8, 21:45
Monday, June 8, 2026
ކުޅިވަރު

100 މީޓަރު ދުވުމުން ސާއިދު ސެމީ އަށް

އިންޑޮނީޝިއާގައި މިހާރު ކުރިޔަށްދާ 18 ވަނަ އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ސެމީ ފައިނަލުން ސާއިދު ޖާގަ ހޯދީ ހަތަރު ވަނަ ހީޓުގެ ފަސް ވަނަ ހޯދައިގެންނެވެ. ސާއިދު 100 މީޓަރު ދުވެފައި ވަނީ 10.67 ސިކުންތުންނެވެ.

ހީޓުގެ ހަތަރު ވަނައަށް ދިޔަ ހޮން ކޮންގެ ކަފުންގ ރޭސް ނިންމާލީ 10.66 ސިކުންތުންނެވެ.ސާއިދު ވާދަ ކުރި ހީޓުގެ އެއްވަނަ ހޯދި ޗައިނާގެ ސޫ ބިންޓިއަންއެވެ. އޭނާ ރޭސް ނިންމީ 10.27 ސިކުންތުންނެވެ.

ސާއިދު ވަނީ 2015 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުން ސެމީ ފައިނަލުގައި ވާދަކޮށްފަ އެވެ. އެފަހަރު އެ ދެ އިވެންޓުން އޭނާ ގައުމީ ރެކޯޑް އާކުރި އެވެ. އަދި މިދިޔަ އަހަރު އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ 100 މީޓަރުގެ ދުވުމުން ވެސް ސެމީ ފައިނަލުގައި އޭނާ ވާދަކުރި އެވެ.

ދެ ހާސް ފަނަރަ ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ސާއިދު ރަން މެޑަލް ހޯދި ހޯދުން ވެގެން ދިޔައީ ރާއްޖެއަށް އެތްލެޓިކްސްގައި ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީ އަށެވެ. އޭގެ ފަހުން 2016 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުން އޭނާ ވަނީ ރިހި މެޑަލް ހޯދައިފަ އެވެ.

މިއަދު އޭޝިއަން ގޭމްސްގެ މެރެތަން ރޭހުގައި ރާއްޖެއިން ވާދަކުރި މުހައްމަދު ޝިފާޒުގެ މެޔަށް ތަދެއް އަރައި ރޭސް ފުރިހަމަކުރެވޭ ގޮތް ވަނީ ނުވެފަ އެވެ. އޭނާ އަކީ ބޭރުގެ މެރެތަން ރޭހެއްގައި 26 އަހަރު ފަހުން ރާއްޖެ ތަމްސީލު ކުރި ފުރަތަމަ ދުވުންތެރިޔާ އެވެ.

އިންޑޮނޭޝިއާގެ ޖަކާޓާ އަދި ޕަލެމްބަންގައި މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސް އަންނަ މަހުގެ ދެވަނަ ދުވަގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ.

ސާއިދުގެ އިތުރުން އުއްމީދީ ޒުވާން އަންހެން ދެ ދުވުންތެރިން ކަމަށްވާ އައިޝަތު ހިމްނާ ހަސަން އާއި އައިމިނަތު ޖާއިޝާ ޖުނީޒާއި މެރެތަން ދުވުންތެރިއާ މުހައްމަދު ޝިފާޒް އޭޝިއަން ގޭމްގައި ރާއްޖޭގެ ފަރާތުން ބައިވެރިވެއެވެ.