ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެނބުރި ރާއްޖެ ވަޑައިގެންފިނަމަ ކަރު ބުރި ކޮށްލާނެ ކަމަށް ބުނެ ޕީޕީއެމް އެކްޓިވިސްޓަކު އިންޒާރު ދީފިއެވެ.
އިއްޔެ ޕީޕީއެމް ކެމްޕޭނު ހަރަކާތެއްގައި ވާހަކަ ދައްކަމުން އެޕާޓީގެ އަންހެން އެކްޓިވިސްޓަކު ބުނެފައިވަނީ އިންޑިޔާއިން ނުވަތަ އަންނި ރާއްޖެ އައި ނަމަވެސް ކަރު ބުރިކޮށްލާނެ ކަމަށެވެ. އަދި އެވާހަކަ އޭނާ ތަކުރާރުކޮށްފައިވާއިރު އެތަނަށް އެއްވެ ތިބި ޕީޕީއެމް މެމްބަރުން ވަނީ ހިތްވަރު ދީ އެވާހަކަތަކަށް ސަޕޯޓުކޮށްފައެވެ.
"މިތިބަ ޒުވާނުންނައި މިތިބަ އަންހެން އަދި ފިރިހެން ކަލުން އެ ބުނަނީ، ނިކަން ދިވެހިރާއްޖެއަށް އަރައިބަލާށޭ.މި ދިވެހި ފަސްގަނޑުގެ ލޭ ދައްކާލާނަމޭ ކުޅި. ނިކަން އާދެބަލަ. ދިވެހިރާއްޖެެއަށް އަރާ ތި އިދިކޮޅު ފާރާތްތައް އިންޑިއާ ކީއްކުރަން. ކޮންމެ ތާކުން އަޔަސް އަންނި އަޔަސް ދެން ކަރު ބުރިކޮށްލާނީ" އެ އަންހެން މީހާ މި ރެލީގައި ވާހަކަ ދައްކަމުން ބުނެއެވެ.
މިފަދަ އިންޒާރުތައް އިދިކޮޅު ފަރާތްތަކާއި ރައީސް ނަޝީދަށް ދޭތެރެ ދޭތެރެއިން ކުރި ނަމަވެސް ފިޔަވަޅެއް އެޅިފައެއް ނުވެއެވެ. މިކަމާ ގުޅޭގޮތުން ޕީޕީއެމުން އަދި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
ނަމަވެސް އިދިކޮޅު ފަރާތްތަކުން ވަނީ މިމައްސަލަ ކުށްވެރިކޮށް އެކަން ތަހުގީގު ކުރުމަށް ފުލުހުންނަށް ގޮވާލާފައެވެ.