Last Updated: March 29, 11:09
Friday, March 29, 2024
ދުނިޔެ

ސެނެޓާ ޖޯން މެކޭން މަރުވެއްޖެ

އެމެރިކާގެ ސެނެޓްގައި 30 އަހަރު ޚިދުމަތްކޮށްފައިވާ ރިޕަބްލިކަން ޕާޓީގެ ސެނެޓާ، ޖޯން މެކޭން އުމުރުން 81 އަހަރުގައި މަރުވެއްޖެއެވެ.

ދެހާސް އަށްވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ބަރަކް އޮބާމާއާ ވާދަކުރި މެކޭންއަށް ވަނީ އެމެރިކާގެ ގިނަ ރައްޔިތުންގެ ލޯތްބާއި އިހުތިރާމް ލިބިފައެވެ.

މެކޭން މަރުވެފައިވަނީ ސިކުނޑީގައި ޓިއުމަރެއް އުފެދި، އަހަރަކަށް ވުރެ ގިނަ ދުވަހު ފަރުވާ ހޯދުމަށް ފަހު، އަމިއްލަ އެދުމުގެ މަތިން ފަރުވާ ހުއްޓާލިތާ އެއް ދުވަސް ފަހުންނެވެ.

މެކޭންއަށް ގިނަ ބަޔެއްގެ ތައުޒިޔާ ލިބެމުން އަންނައިރު އެމެރިކާގެ އެރިޒޯނާ ސްޓޭޓުގައި ވަނީ ދިދަތައް ބައި ދަނޑިއަށް ތިރިކޮށްފައެވެ.

އޮބާމާއާ ވާދަކޮށް 2008 ވަނަ އަހަރު މެކޭން އިންތިޚާބުން ނާކާމިޔާބުވި ނަމަވެސް ދެބޭފުޅުންގެ ދެމެދުގައި އޮތް ސިޔާސީ ގުޅުމަކަށް ބުރުލެއް ނާރާ ކަމަށާއި މެކޭނަކީ އަބަދުވެސް އިޚުތިރާމް ކުރާ ފަރާތެއް ކަމަށް އޮބާމާ ފޮނުވި ތައުޒިޔާގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.