Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

ސުބްރަމާނިއަމް ފާޅު ކުރީ އަމިއްލަ ޚިޔާލެއް: އިންޑިއާ

ސެޕްޓެމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިޚާބު އޮޅުވާލައިފި ނަމަ، އިންޑިއާއިން ރާއްޖެ ހިފަން ޖެހޭނެ ކަމަށް ވިދާޅުވެ އިންޑިއާގެ ރާޖަ ސަބާގެ މެމްބަރު ސުބްރަމާނިއަން ސުވާމީ ކުރެއްވި ޓްވީޓަކީ އޭނާގެ އަމިއްލަ ޚިޔާލުފުޅެއް ކަމަށް އިންޑިއާ ސަރުކާރުން ބުނެފިއެވެ.

ސުބްރަމާނިއަން ސުވާމީގެ ޓްވީޓަކީ އޭނާގެ އަމިއްލަ ޚިޔާލުފުޅު ކަމަށާއި އެއީ އިންޑިއާ ސަރުކާރުން ދެކޭ ގޮތް ނޫން ކަމަށް އިންޑިއާ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަވީޝް ކުމާރާއި ޙަވާލާދީ އެ މިނިސްޓްރީން އާދީއްތަ ދުވަހު އާންމުކުރި ކުރު ބަޔާނެއްގައި ބުނެފައިވއެވެ.

ހޯމަ ދުވަހު އާންމުކޮށްފައިވާ އެ ބަޔާނުގައި ބުނެފައިވަނީ ސުބްރަމާނިއަންގެ ވާހަކަތަކާއި އިންޑިއާ ސަރުކާރުން ދެކޭ ގޮތާއި އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.

އިންޑިއާގެ ކުރީގެ ޔުނިއަން މިނިސްޓަރު އަދި ވެރިކަންކުރާ ބީޖޭޕީގެ ނޭޝަނަލް އެގްޒެކްޓިވް ކޮމިޓީގެ މެމްބަރު ރާއްޖެއެމްވީގެ ހަބަރެއްގެ ލިންކާއެކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އިންތިހާބު އޮޅުވާލައިފި ނަމަ އިންޑިއާއިން ރާއްޖެ ހިފަން ޖެހޭނެ ކަމަށެވެ.

ސުބްރަމާނިއަން ސުވާމީގެ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވާ ވާހަކަ ގުޅިފައިވާ ސިޔާސީ ޕާޓީތަކުންވެސް ވަނީ ކުށްވެރިކޮށްފައެވެ. ޕާޓީތަކުގެ ވެރިންނާއި މަޖިލިސް މެމްބަރުންގެ އިތުރުން އެތައް އާންމު ރައްޔިތުންނެއް އެ ޓްވީޓާއިމެދު ހިތްހަމަނުޖެހުން ފާޅުކުރަމުން ދެއެވެ.

އެގޮތުން ރިޔާސީ އިންތިޚާބު މިނިވަންކަމާ އެކު ބޭއްވުމަށް ބޭރުގެ ފަރާތްތަކުން މަސައްކަތް ކުރަން ވާނީ ބައިނަލްއަގުވާމީ ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށާއި ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާ ފަދަ އެއްވެސް ކަމަކަށް ޖާގަ ނުދެއްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވިއެވެ.

އިބޫގެ އިތުރުން ރަނިންގްމޭޓް ފައިސަލް ނަސީމް ވިދާޅުވީ ސުބްރަމާނިއަން ސުވާމީ ވިދާޅުވީ ޒިންމާދާރުކަމެއް ނެތް ވާހަކައެއް ކަމަށާއި އެކަމާ ފާޅުގައި ދެކޮޅު ހައްދަވާ ކަމަށެވެ.