Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ރައީސް ޔާމީން ތ. ގުރައިދު އަށް ވަޑައިގެންފި

އަންނަ މަހުގެ 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް، ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން ތ. އަތޮޅަށް މިއަދު ވަޑައިގެންފި އެވެ.

މި ދަތުރުފުޅުގައި އެހެން ރަށްރަށެކޭ ވެސް އެއްގޮތަށް ގުރައިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެމަނިކުފާނުގެ ދެ ވަނަ ދައުރެއްގައި، އެ ރަށުގެ ރައްޔިތުން ބޭނުންވާ ކަންކަން އޮޅުންފިއްލެވުމަށް ވަނީ ހަމަޖައްސަވާފައެވެ.

ރައީސް ޔާމީންގެ ކެމްޕޭން ދަތުރުފުޅުތައް އިއްޔެ ފެއްޓެވިއިރު، ފުރަތަމަ ވަޑައިގަތީ ފ. އަތޮޅަށެވެ. ނިލަންދޫގައި ރޭ ބޭއްވެވި ކެމްޕެއިން ޖަލްސާގައި ރައްޔިތުންނާ ބައްދަލުކުރައްވައި، އެމަނިކުފާނަށް އިންތިޚާބު ކާމިޔާބު ކޮށްދޭން ޖެހޭ ސަބަބުތައް ވިދާޅުވެ ދެއްވި އެވެ.

ކެމްޕޭން ދަތުރުތަކުގައި އެ މަނިކުފާނާއި އެ މަނިކުފާނުގެ ރަނިންމޭޓް ޑރ. ޝަހީމް ދަނީ ގިނަ ރަށްތަކަށް ދަތުރު ކުރައްވަމުންނެވެ. ރައީސް ޔާމީނުގެ ދަތުރުފުޅު ތަކުގައި ގިނަ މަޝްރޫއު ތަކުގެ ފެއްޓެވުމާއި އަދި ނިންމެވުމުގައި އެ މަނިކުފާނު ދަނީ ބައިވެރިވަމުންނެވެ.

ސިޔާސީ ފޯރި ގަދަވެފައިވާ މި ދަނޑިވަޅުގައި ގިނަ ބަޔަކު ބަލަނީ ކޮންމެ ކެންޑިޑޭޓެއްވެސް ރަށަކަށް ވަޑައިގަތުމުން މަރުހަބާ ކިޔަން ނިކުންނަނީ ކިތައް މީހުންތޯއެވެ. މީހުން ގިނަ ކަމުގައި ވަނީ ނަމަ އެ ކެންޑިޑޭޓަކަށް އިންތިޚާބުގައި އެ ރަށަކުން ބޮޑު ތަނުން ކާމިޔާބު ލިބޭނެ ކަމަށް އުއްމީދު ކުރެއެވެ.