Last Updated: April 26, 11:19
Friday, April 26, 2024
މުނިފޫހިފިލުވުން

ސަލްމާންގެ ފިލްމީ ކެރިއަރަށް 30 އަހަރު

ބޮލީވުޑްގެ މަޝްހޫރު ސުޕަސްޓާރ ސަލްމާން ޚާން އެ އިންޑަސްޓްރީގައި މަސައްކަތް ކުރާތާ 30 އަހަރު ވެއްޖެއެވެ.

ފިލްމް އިންޑަސްޓްރީގައި 1988 ވަނަ އަހަރު އޭނާގެ ފުރަތަމަ ފިލްމް "ބީވީ ހޯތޯ އެއިސީ" ސަލްމާން ފެނިގެން ދިޔައެވެ. އެހެން ނަމަވެސް އެންމެ ފުރަތަމަ ކާމިޔާބީއެއް އޭނާއަށް ހާސިލްކުރެވިގެން ދިޔައީ ފިލްމް" މެއިނޭ ޕިޔާރް ކިޔާ" އިންނެވެ. ފިލްމް ފެއަރ އެވޯޑުން ސަލްމާނަށް އެފިލްމުގައި ކުޅުނު ރޯލަށް ބެސްޓް މޭލް ގެ އެވޯޑް ލިބިގެން ދިޔައެވެ.

ސަލްމާންގެ މަސައްކަތްތަކަށް ބަލާލާއިރު އޭނާ ވަނީ ގިނަ ފެމިލީ ޑްރާމާ ދައްކުވައިދޭ ފިލްމުތައް ބެލުންތެރިންނާއި ހަމަޔަށް ގެނެސްދީފައެވެ. އޭގެ ކޮންމެ ފިލްމަކީ މިއަދާއި ޖެހެންދެން ވެސް ފޫހިކަމެއް ނެތި ބެލުންތެރިން ބަލަމުންދާ ފިލްމުތަކެވެ.

ސަލްމާންގެ އެކްޓިންގ ސްޓައިލް އަދި ހުނަރުވެރިކަން އެހެން އެކްޓަރުންނާއި ވަރަށް ތަފާތެވެ. 90 ގެ އަހަރުތަކުގެ ތެރޭގައި މަޝްހޫރު ތިން ޚާންގެ ތެރެއިން އެންމެ އުހުގައި އުޅުނީ ސަލްމާން ޚާންއެވެ.

އެކްޓިންގ ގެ އިތުރުން ސަލްމާން ވަނީ ޕްރޮޑިއުސް ކުރުމާއި އަދި ލަވަކިޔުމުގައި ވެސް ކުރި ހޯދާފައެވެ. އޭނާ ވެފައިވަނީ ގަމީސް ބާލާފައި ފެނުނު އެންމެ މަންޒަރަކުން ގިނަ ބައެއްގެ ތަރުހީބު އޮހުނު ފަރާތަކަށެވެ. ސަލްމާން ބޮލީވުޑްގައި މަސައްކަތް ކުރާތާ 30 އަހަރުވުމުުގެ ސަބަބުން ފިލްމް އިންޑަސްޓްރީގެ ގިނަ ބަޔަކު ދަނީ އޭނާއަށް ހެޔޮއެދުމާއި ތަހުނިޔާ ފޮނުވަމުންނެވެ.

ސަލްމާން ޚާން މިވަގުތު ދަނީ މަލްޓާ ގައި އޭނާގެ ކުރިޔަށް އޮތް ފިލްމް"ބާރަތް" ގެ ޝޫޓިންގ ގައި އަވަދިނެތިއެވެ. އެ ފިލްމުގައި ސަލްމާންގެ އިތުރުން ކެޓްރީނާ، ދިޝާ، އަދި ނޯރާ ފެނިގެންދާނެއެވެ.

ސަލްމާންގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި "ބަޖްރަންގީ ބާއިޖާން"، "މެއިނޭ ޕިޔާރް ކިޔާ"، ހަމް ސާތް ސާތް ހޭ"، "ދަބަންގް"، "ވޯންޓެޑް"، "ބޮޑީގާޑް"، "ޕިޔާރް ކިޔާތޯ ޑަރްނާ ކިޔާ"، އަދި "ސުލްތާން" ހިމެނެއެވެ.