Last Updated: June 24, 03:22
Wednesday, June 24, 2026
ޚަބަރު

ޤާސިމްގެ އަންހެނުން އައިޝާގެ ގެއަށް ކަޅުތެޔޮ ޖަހައިފި

އައިޝާގެ ގެ، ހއ. ހޯރަފުށި، ކެތި - ފޮޓޯ: ވީނިއުސް

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާގެ އުފަން ރަށް، ހއ. ހޯރަފުށީގައި ދިރިއުޅުއްވާ ގެއަށް ކަޅުތެޔޮ ޖަހައިފި އެވެ.

"ވީނިއުސް" އިން ރިޕޯޓްކުރާ ގޮތުގައި އައިޝާގެ ގެ، ކެތި އަށް ކަޅުތެޔޮ ޖަހާފައިވަނީ ރޭ މެންދަމުގެ ވަގުތެއްގައެވެ.

ކަޅުތެޔޮ ޖެހި ބައެއް އަދި އެނގިފައި ނުވާއިރު، މިއީ ސިޔާސީ ގޮތުން ބަޔަކު ކޮށްފައިވާ ކަމެއް ކަމަށް ލަފާކުރެވެއެވެ.

އައިޝާގެ ގެއަށް ކަޅުތެޔޮ ޖަހާފައި މިވަނީ އަންނަ މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް ،އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އާއި ރަނިންމޭޓް ފައިސަލް ނަސީމަށް ތާއީދު ހޯއްދެއްވުމަށް ކެމްޕެއިން ކުރައްވާ އަދި ރައީސް ޔާމީންގެ ސަރުކާރަށް މެޑަމް އައިޝާ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ވަގުތެއްގަ އެވެ.

އައިޝާގެ ގެއަށް ބަޔަކު ކަޅުތެޔޮ ޖެހީ މި އަނިޔާވެރި ސަރުކާރު ޤާނޫނީ އިމުގެ ތެރެއިން ބަދަލުކުރުމަށް އެކަމަނާ ހިތްވަރާއެކު ނިކުންނަވާ ކުރައްވަމުން ގެންދަވާ މަސައްކަތްތައް ހުއްޓުވުމަށާއި ބިރުދެއްކުމުގެ ގޮތުން ކަމަށް ގަބޫލުކުރައްވާ ކަމަށް ޖޭޕީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހު ވިދާޅުވި ކަމަށް "ވީނިއުސް" އިން ރިޕޯޓްކުރެއެވެ.

މީގެ އިތުރުން، ކިތަންމެ ބޮޑު ގޮންޖެހުންތަކެއް ކުރިމަތިކުރުވި ނަމަވެސް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ބަލިކުރެއްވުމަށް އައިޝާ މިހާރު ކުރިއަށް ގެންދަވާ އެއްވެސް ހަރަކާތެއް ހުއްޓާނުލައްވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.