Last Updated: June 24, 03:22
Tuesday, June 23, 2026
ޚަބަރު

ސަރުކާރުގެ ހިޔާނާތާ ގުޅޭ މައުލޫމާތުތައް ހާމަކޮށްދީ: އިބޫ

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އިބޫ ވާހަކަދައްކަވަނީ -- ފޮޓޯ: އެމްޑީޕީ

ރައީސް ޔާމީންގެ ސަރުކާރުގައި ހިންގާފައިވާ ޚިޔާނާތުގެ މައްސަލަތަކުގެ މައުލޫމާތު ހާމަކޮށް ދެއްވުމަށް ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުންނަށް އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އިލްތިމާސްކުރައްވައިފި އެވެ.

އިބޫ މިކަމަށް އިލްތިމާސްކުރައްވާފައި ވަނީ ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ކުރިއަށްދާ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މިއަދުގެ ބައްދަލުވުމަށް އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް ހުށަހެޅުއްވި ޤަރާރަށް ބަހުސްކުރައްވަމުންނެވެ.

އެގޮތުން އިބޫ ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި އެ ޤަރާރުގައި ބުނާ ފަަދަ ޚިޔާނާތުގެ ފައިސާ ހޯދުމަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.

އަދި ފުރަތަމަ ދުވަހުން ފެށިގެން އިންސާފު ނުލިބި ތިއްބެވި ބޭފުޅުންނަށް އިންސާފު ހޯދައިދިނުމަށާއި، ތަފާތު ސަބަބުތައް ކުރިމަތިވެ ގައުމުން ބޭރުގައި ތިއްބެވި ބޭފުޅުންނަށް ޤައުމަށް އާދެވޭނެ ގޮތް ހަމަޖެއްސެވުމަށާއި އަދި ގޮތް ނޭނގޭ ގޮތަށް މަރާލެވިފައިވާ މީހުންގެ މަރުގެ ޙަޤީޤަތްތައް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް އިބޫ ވައުދުވެވަޑައިގެންނެވި އެވެ.

ދައުލަތުން ވަގަށް ނަގާފައިވާ ފައިސާ ހޯދުމަށް އެމްޑީޕީ އިސްވެ މިފެށި މަސައްކަތަކީ ވަރަށް މުހިއްމު މަސައްކަތެއް ކަމަށާއި، އިއްތިހާދުގައި ހިމެނޭ ހުރިހާ ޕާޓީ ތަކަކުންވެސް މިކަމުގައި އެހީތެރިވެ، ބައިވެެރިވެ ދެއްވުމަށްވެސް އިބޫ ވަނީ އެދިވަޑައިގެންފަ އެވެ.

އިބޫ ވަނީ ދައުލަތުގެ އެތައް މިލިއަން ރުފިޔާއަކަށް ބަޔަކު ޚިޔާނާތްތެރިވެފައިވާއިރު، ދައުލަތުގެ މުއައްސަސާތަކުގެ ވެރިންނާއި މުވައްޒަފުން އެ މައުލޫމާތު ހާމަކުރެއްވުމަށް އިލްތިމާސްކުރައްވާފައެވެ.

އިބޫ ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އޮޑިޓާ ޖެނަރަލް (އޭޖީ)ގެ އޮފީހުގައި ވެސް ޚިޔާނާތުގެ މައްސަލަތަކާ ގުޅުންހުރި މައުލޫމާތު ހުންނާނެ ކަމަށާއި އެ މައުލޫމާތުތަކަކީ ރައްޔިތުންނަށް މިހާރުން މިހާރަށް އެނގެންޖެހޭނެ މައުލޫމާތުތަކެއް ކަމަށެވެ.