މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕޮރޭޝަން (އެމްއެމްޕީއާރްސީ)ގެ ޚިޔާނާތުގެ މައްސަލައިގައި ގެއްލުނު ފައިސާ ނުހޯދިގެން އުޅެނީ އެ ފައިސާ ހުރިތަނެއް ނޭނގޭތީ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ މިހާރު ތ. އަތޮޅަށް ކުރައްވަމުންގެންދަވާ ކެމްޕެއިން ދަތުރުފުޅެއްގައި އެ އަތޮޅު ގުރައިދޫ އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި މުޚާތަބުކުރައްވަމުންނެވެ.
އެގޮތުން ރައީސް ވިދާޅުވީ އެމްއެމްޕީއާރުސީ މައްސަލައަކީ ތަޙުޤީޤު ކުރަން ޖެހޭ މައްސަލައެއް ނޫން ކަމަށާއި އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަޙުޤީޤުކޮށް، އެ ޚިޔާނާތުގައި ގެއްލުނު ކަމަށް އަންދާޒާ ކުރާ ފައިސާގެ އަދަދު ވެސް ބުނެފައިވާ ކަމަށެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތުން ފައިސާ ގެއްލުނުކަން އެނގިވަޑައިގަންނަވާ ކަމަށާއި، ނަމަވެސް އެ ފައިސާ ނުހޯދިގެން އުޅެނީ ފައިސާ ހުރިތަން ނޭނގޭތީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ، މިއަދު ވެސް އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ އާއި އޭގެ ކުރިން ހިންގާފައިވާ ކޮރަޕްޝަނުގެ ފައިސާތައް އިދިކޮޅަށް ވެސް ނުހޯދޭނެ ކަމަށެވެ. އަދި އެމްޑީޕީގެ ތިން އަހަރާއި އެފްޕީއައިޑީގެ ޚިޔާނާތުގެ ފައިސާ ނުހޯދޭނީ އެ ފައިސާ ލިބުނު ފަރާތްތަކުގެ އެހީ މިހާރު ވެސް އެމްޑީޕީއަށް ލިބެމުންދާތީ ކަމަށްވެސް އެމަނިކުފާނު ތުހުމަތުކުރެއްވި އެވެ.
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި ބެހޭގޮތުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަށް ކޮށްފައިވާ ކަންކަމަށް މާފުދީ އަދީބު ބޭހަށް ދިއުމުގެ ހުއްދަ ދޭން ވެސް ތައްޔާރު ކަމަށާއި، ނަމަވެސް ދައުލަތުން ގެއްލުނު ފައިސާ އަދީބު ދައްކަން ޖެހޭނެ ކަމަށެވެ.
ރައީސް ޔާމީން ވަނީ އިދިކޮޅު އިއްތިހާދުގައި އިޚްލާސްތެރިކަމެއް ހުރި ނަމަ އެބޭފުޅުންގެ ސަރުކާރެއްގައި، އެމްޑީޕީގެ ތިން އަހަރުގައި ގެއްލުނު ކަމަށްބުނާ 1.2 ބިލިއަން ރުފިޔާ ވެސް ހޯދަން ގޮވާލައްވާފައެވެ.