ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ކަރު ބުރިކޮށްލާނެ ކަމަށް ބުނެ ޕީޕީއެމްގެ އެކްޓިވިސްޓަކު ދެއްކި ވާހަކަ އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކުށްވެރިކުރައްވައިފި އެވެ.
އިބޫ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރައީސް ނަޝީދުގެ ކަރު ބުރިކޮށްލާނެ ކަމަށް ބުނެ ޕީޕީއެމްގެ ކެމްޕެއިން ޙަރަކާތުގައި ދެއްކި ވާހަކަ، އެންމެ ހަރުކަށިކޮށް ކުށްވެރިކުރައްވާ ކަމަށެވެ.
"މިއީ ސިޔާސީ ވާދަވެރިކަން އަނިޔާވެރިކަމަށް ބަދަލުވުން. މިއީ ޖިނާޢީ ކުށެއް"، އިބޫ ވިދާޅުވި އެވެ.
އަދި އިބޫ ވަނީ އެކަން ތަހުޤީޤުކޮށް، އެ ވާހަކަ ދެއްކި މީހާއާއި މެދު ފިޔަވަޅު އެޅުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ގޮވާލައްވާފައެވެ.
ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލައިފިނަމަ އިންޑިއާއިން ރާއްޖެ ހިފަން ޖެހޭ ކަމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގޭގެ މެމްބަރު ސުބްރަމާނިއަން ސްވާމީ ކުރެއްވި ޓްވީޓަށް އިޝާރާތްކޮށް، ޕީޕީއެމް އަށް ނިސްބަތްވާ އަންހެނުންތަކެއް ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ސިޔާސީ ޙަރަކާތެއްގައި ވާހަކަ ދެއްކި އަންހެނަކު ވަނީ ރައީސް ނަޝީދު ރާއްޖެ ވަޑައިގެންފިނަމަ ކަރު ބުރިކޮށްލާނެކަމަށް ބުނެ އިންޒާރު ދީފައެވެ.