Last Updated: April 26, 15:47
Friday, April 26, 2024
މުނިފޫހިފިލުވުން

ޕަރިނީތީ ޗުއްޓީ ހޭދަ ކުރަން ރާއްޖޭގައި

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕަރިނީތީ ޗޯޕްރާ ޗުއްޓީ ހޭދަކޮށްލުމަށްޓަކައި އަނެއްކާވެސް ރާއްޖެ އަތުވެއްޖެ އެވެ.

ޕަރިނީތީ ރާއްޖެ އައިސްފައި ވަނީ އިއްޔެ އެވެ. އެނގިފައިވާ ގޮތުގައި މި ފަހަރު އޭނާ ރާއްޖެ އައިސްފައި ވަނީ ތިން ދުވަހުގެ ދަތުރެއްގަ އެވެ. އަދި ޕަރިނީތީ ޗުއްޓީ ހޭދަކުރަމުންދަނީ ރާއްޖޭގެ ލަކްސް ސައުތު އަރި އެޓޯލް ރިސޯޓްގަ އެވެ.

އޭނާ ވަނީ އެ ރިސޯޓްގައި ނަގާފައިވާ ބައެއް ފޮޓޯތައް ވެސް އިންސްޓަގްރާމް މެދުވެރިކޮށް ފޭނުންނާއި ހިއްސާކޮށްފަ އެވެ.

ފާއިތުވި ހަފްތާގައި ޕަރިނީތީ ވަނީ އޭނާގެ ދެބެންގެ ދެދަރި ދައްތަ އަދި ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި މަޝްހޫރު ލަވަކިޔުންތެރިޔާ ނިކް ޖޯނަސްގެ އެންގޭޖްމެންޓް ހަފްލާގައި ވެސް ބައިވެރިވެފަ އެވެ.

މީގެ އިތުރުން އޭނާ ވަނީ މިދިޔަ ހަފްތާގައި "ޖަބަރިޔާ ޖޯޅީ"ގެ ޝޫޓިން ވެސް ފަށައިފަ އެވެ. އެ ފިލްމުގައި ޕަރިނީތީ އާއެކު ފެނިގެންދާނެ ފިރިހެން ބަތަލާ އަލީ ސިދާތު މަލޯތްރާ އެވެ.

އަދި ހަމަ އެހެންމެ ޕަރިނީތީ ވަނީ އޭނާގެ ކުރިއަށް އޮތް ފިލްމް "ނަމަސްތޭ އިންގްލޭންޑް" ގެ ޕްރޮމޯޝަންސް ވެސް މިދިޔަ ހަފްތާގައި ފަށާފައެވެ.

"ނަމަސްތޭ އިންގްލޭންޑް" އަކީ 2007 ވަނަ ރިލީޒްކުރި އަކްޝޭ ކުމާރް އާއި ކެޓްރީނާ ކައިފްގެ "ނަމަސްތޭ ލަންޑަން" ގެ ސީކުއެލް އެކެވެ. މި ފިލްމްގައި ޕަރިނީތީ ފެނިގެންދާނީ އަރްޖޫން ކަޕޫރް އާއެކު އެވެ.

"ނަމަސްތޭ އިންގްލޭންޑް" ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު އެވެ.

އެންމެ ފަހުން "ގޯލްމާލް އަގެއިން" އިން ފެނިގެންދިޔަ ޕަރިނީތީ ވަނީ މި އަހަރުގެ ކުރީކޮޅު ވެސް ދެ ފަހަރެއްގެ މަތިން ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފަ އެވެ.