Last Updated: June 24, 03:22
Wednesday, June 24, 2026
ޚަބަރު

ރީ-ރަޖިސްޓްރީވީ 78،964 ފޯމް: އީސީ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރަށްވެހިފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލި މުއްދަތުގެ ތެރޭގައި 95،695 ފޯމް ހުށަހަޅާފައިވާ ކަމަށާއި، އޭގެ ތެރެއިން ރީ-ރަޖިސްޓްރީވީ 78،964 ފޯމް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ ރީ-ރަޖިސްޓްރީ ކުރުމަށް ހުށަހެޅި ފޯމްތަކުގެ ތެރެއިން ސައްޙަކަން ކަށަވަރު ނުކުރެވުމުގެ ސަބަބުން 5،626 ފޯމު ބާތިލުކޮށްފައިވާ ކަމަށެވެ.

ޝަރީފް ވިދާޅުވީ ފޯމްތަކުގެ ސައްޙަކަން ކަށަވަރު ނުކުރެވޭނެ ވަރަށް ގިނަ ގޮތްތަކަށް ވެސް ރީ-ރަޖިސްޓްރޭޝަނަށް ފޯމްތައް ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން ތަފާތު މުއައްސަސާތަކުންނާއި ސިޔާސީ ޕާޓީތަކުން ފޯމް ހުށަހަޅަމުން ގެންދިޔައިރު އެ ފޯމްތައް ރަޖިސްޓްރީވުން ލަސްވެގެން ދެވަނަ ފަހަރަށްވެސް ފޯމް ހުށަހަޅާފައި އެބަހުރި ކަމަށް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ 95،695 ފޯމްގެ ތެރޭގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުނު ހުރިހާ ފޯމެއް ހިމެނޭ ކަމަށާއި އޭގެ ތެރޭގައި ރިޕީޓްކޮށް ހުށަހަޅާފައިވާ ފޯމްތައް ވެސް ހިމެނޭ ކަމަށެވެ.

ޝަރީފް ވިދާޅުވީ ބާތިލްކުރި ފޯމްތައް ހުށަހެޅި ފަރާތްތަކަށް ވެސް މާދަމާ އިން ފެށިގެން އަލުން ރީ-ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

އީސީ އިން ރީ-ރަޖިސްޓްރޭޝަނަށް ހުށަހެޅި ފޯމްތަކުގެ މަޢުލޫމާތު މިއަދު ހާމަކޮށްފައިވާއިރު، އިދިކޮޅު ފަރާތްތަކުން ވަނީ ރީ-ރަޖިސްޓްރޭޝަންގެ ތަފްސީލްތައް ހާމަނުކޮށްގެން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.