Last Updated: June 24, 03:22
Tuesday, June 23, 2026
ޚަބަރު

ވަގު ފިންގަ ޕްރިންޓު ޖަހައިގެން 1892 ފޯމު ހުށަހެޅި: އީސީ

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް - ފޮޓޯ: އީސީ

އަންނަ ސެޕްޓެމްބަރު މަހުގެ 23 ވާ އާދިއްތަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ރަށްވެހިފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީ ކުރުމަށް ވަގު ފިންގާޕްރިންޓް ޖަހައިގެން 1،892 ފޯމް ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އީސީގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ ވަގު ފިންގާޕްރިންޓް ޖަހައިގެން ފޯމްތައް ހުށަހެޅި ފަރާތްތަކާއި ދެކޮޅަށް ދައުވާކުރާނެ ކަމަށެވެ.

އަދި އެއީ ރީ-ރަޖިސްޓްރޭޝަން ޕްރޮސެސް ލަސްކުރުމުގެ މަޤްސަދުގައި ހުށަހެޅި ފޯމްތަކެއް ކަމަށްވެސް ޝަރީފް ވަނީ ތުހުމަތުކުރައްވާފައެވެ.

ޝަރީފް ވިދާޅުވީ އެ ފޯމްތަކުގައި ފިންގަ ޕްރިންޓް ޖަހާފައި އޮތީ ވެރިފަރާތް ނޫން ކަން ވެރިފިކޭޝަނުން ސާބިތުވާ ކަމަށާއި އެ ފޯމްތަށް ހުށަހެޅި ފަރާތްތާއި ހެކިވެރިންގެ ގޮތުގައި ތިބި ފަރާތްތަކާއި މެދުވެސް ދައުވާ ކުރާނެ ކަމަަަށެވެ.

އަދި އެ ފޯމްތަކުގައި ފިންގަޕްރިންޓް ޖަހާފައި ހުރި ފަރާތްތަށް ދެނެގަތުމަށާއި ފޯމްތައް ހުށަހެޅި ފަރާތްތަށް ވެރިފައި ކުރުމަށް އަންނަ ހަފްތާގެ ތެރޭގައި ފުލުހުންނަށް ފޮނުވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ރީރަޖިސްޓްރީ ވުމުގައި މިހާ ދިގު މުއްދަތެއް ނެގީ، ރިޔާސީ އިންިތިޚާބުގެ ރީރަޖިސްޓްރޭޝަން ޕްރޮސެސް އޮޅުވާލުމަށް ބައެއް ފަރާތްތަކުން މަސައްކަތްކޮށްފައިވާތީ ކަމަށެވެ.