Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ބްރިޖުގައި ރެނދެއް ނުލާ: މުއިއްޒު

ސިނަމާލެ ބްރިޖްގައި ރެނދު ނުލާކަމަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބްރިޖުގައި ރެނދު އަޅާ ހަލާކުވެފައިވާ ކަމަށް ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަ ތަކާއި ދައުރުވަމުންދާ ފޮޓޯތަކަށާއި ގުޅިގެން މުއިއްޒު ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވީ ދައުރުވަމުންދާ ފޮޓޯތަކަކީ އަވައްޓެރި ގައުމެއްގެ ބްރިޖެއްގެ ފޮޓޯ ކަމަށެވެ. މުއިއްޒު ވިދާޅުވީ ރައްޔިތުންގެ ހައްގުގައި ޝައްކާއި ވަހުމް އުފައްދަންކުރާ ކޮންމެ ކަމަކުން ރައްޔިތުންގެ އަޒުމް އިތުރަށް ވަރުގަދަ ވަނީ ރައީސް ޔާމީނަށް ދެވަނަ ދައުރެއް ދެއްވުމަށް ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯގައި މިއީ ބްރިޖްގެ މިހާލުގެ ހާލަތު ކަމާއި ފަހުން ރަނގަޅު ވާނެ ކަމަށް ބަލަންވީ ކަމުގައި ބައެއް ފަރާތްތަކުން ސްޓޭޓަސް ލިޔެފައިވެއެވެ. ބައެއް ފަރާތްތަކުން އެ ފޮޓޯ އަކީ ހަގީގަތެއް ކަމަށް ވަންޏާ އެއީ ވަރަށް ދެރަ ކަމެއް ކަމަށް ބުނަމުން ދެއެވެ.

ދުވަސްކޮޅުގެ ގޮތުން މިހެން ދައުރުވާ ކޮންމެ ފޮޓޯއަކީ އަދި ވާހަކަ އަކީ ކަމާއިބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ވަރަށް އަވަހަށް އަންނަ ކަމަކަށް ވަނީ ވެފައެވެ. އަދި އެކަންތަކަށް އަވަސް ޖަވާބުދާރީއެއް ވެސް ވަމުންދާކަން ފާހަގަ ކުރެވެއެވެ.

ޗައިނާގެ ސީސީސީސީ ސެކަންޑް ހާބަ އިންޖިނިއަރިން ކުންފުންޏާ ހަވާލުކޮށްގެން ހަދާ މި ބްރިޖްގެ މަސައްކަތް ކުރުމަށް 1،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެއެވެ. ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދު ވެއެވެ. އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީއެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީއެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރެއެވެ.