Last Updated: June 10, 20:13
Wednesday, June 10, 2026
ޚަބަރު

މަތީ ދަރަޖަ އިނާމަށް ނަން ހުށަހެޅުން ހުޅުވާލައިފި

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް މިދިޔަ އަހަރުން ފެށިގެން ރައީސް ދެއްވަމުން ގެންދަވާ ޚާއްޞަ އިނާމަށް މި އަހަރު ނަން ހުށަހެޅުއްވުމުގެ ފުރްޞަތު، ޚާއްޞަ އިނާމާ ބެހޭ ކޮމިޓީން މިއަދު ހުޅުއްވާލައްވައިފި އެވެ.

މި އިނާމު ދެއްވުމުގެ މަޤްޞަދަކީ، ރާއްޖެ އަށް ރީތި ނަން ހޯދައިދޭ ފަރާތްތަކުގެ ކާމިޔާބީ އާއި ހިތްވަރާއި ހުނަރުން މަތީ ވަނަތައް ހޯދާ ފަރާތްތަކުގެ ކާމިޔާބީ އިޙްތިފާލު ކުރުމާއި، މިފަދަ ކާމިޔާބީތައް ހޯދުމަށް ހިތްވަރު ދިނުމާއި، ރާއްޖެއަށް ބޭނުންވާ ދާއިރާތަކަށް ދިވެހިންގެ އުފެއްދުންތެރިކަމާއި މަސައްކަތްތެރިކަން މިޞްރާބު ކުރެއްވުމެވެ.

ޚާއްޞަ އިނާމު ދެއްވުމަށް ހަމަޖައްސަވާފައި ވަނީ އަންނަނިވި ކަންކަމަށެވެ.

1. މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯދުން.

2. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެ މަތީ ލެވެލްގެ ސަނަދެއް ޙާޞިލް ކުރުން.

3. ބައިނަލްއަޤްވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދުން.

4. މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަމުގެ ރޮނގުން އާދަޔާ ޚިލާފު ކާމިޔާބީއެއް ޙާޞިލްކުރުން.

5. ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުން.

މި ގިންތިތަކުގެ ތެރެއިން ފުރަތަމަ ގިންތީގައި ހިމެނޭ މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯދާ ކުދިންނަށް އިނާމު ދެއްވުމުގެ އުޞޫލަށް މިފަހަރު ވަނީ ބަދަލެއް ގެންނަވާފަ އެވެ.
އެ ބަދަލަކީ އެއް ކެމްޕަހަށްވުރެ ގިނަ ކެމްޕަހުގައި، އެއް ކޯހެއް ހިންގާފައިވާ ނަމަ، ކޮންމެ ކެމްޕަހަކުން އެ ކޯހަކުން 1 ވަނަ ހޯދާ ދަރިވަރަކަށް އިނާމު ދެއްވާ ގޮތަށް ހަމަޖެއްސެވި ހަމަޖެއްސެވުމެވެ. މި ގޮތުން ވެސް އިނާމު ދެއްވާނީ، ކަނޑައެޅިފައިވާ ޝަރުޠުތައް ފުރިހަމަވެފައިވާ ނަމަ އެވެ.

5 ވަނަ ގިންތީގައި ހިމެނޭ ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުން ނުވަތަ އެއްޗެއް އުފެއްދުމުގެ ދާއިރާއިން އިނާމު ދެއްވުމަށް ހަމަޖެހިފައިވަނީ، ކަރބަން ނިއުޓްރަލް ކުރުމުގެ ގޮތުން ތެޔޮ އަންދަންޖެހޭ މިންވަރު މަދުކުރުމަށް މަސައްކަތްކުރާ ރިޒޯޓަކަށެވެ. މި އިނާމަށް އިޢުލާނު ކުރައްވައި، ރިޒޯޓެއް ހޮއްވެވުމުގެ ކަންތައް ކުރިއަށް ގެންދަވާނީ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަޖީއިންނެވެ. މި އިނާމަށް ވެސް ނަން ހުށަހެޅުއްވުމުގެ ފުރްޞަތު މިއަދު ވަނީ ހުޅުއްވާލައްވާފަ އެވެ.

ޚާއްޞަ އިނާމަށް ނަން ހުށަހަޅާ ފޯމް، ރަސް މީގަޑީގައި ރައީސްގެ އޮފީހުން ދޫކުރައްވާނެ އެވެ. އަދި އެ އޮފީހުގެ ވެބްސައިޓުން ޑައިންލޯޑް ކުރެއްވޭނެ އެވެ.

ވެބްސައިޓްގެ އެޑްރެހަކީ www.presidencymaldives.gov.mv އެވެ. ފޯމު ފުރިހަމަކޮށް، ޚާއްޞަ އިނާމާ ބެހޭ ކޮމިޓީ އަށް ފޮނުއްވުމުގެ އެންމެ ފަހު މުއްދަތަކީ، އަންނަ ޖޫން މަހުގެ 20 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 3:00 އެވެ.