Last Updated: June 24, 03:22
Tuesday, June 23, 2026
ޚަބަރު

ޤައުމު ގެއްލޭ ހިސާބަށް ރާއްޖެ އޮޔާ ހިނގައްޖެ: ފައިސަލް

ރާއްޖޭގެ ހާލަތު މިހާރު އޮތީ ޤައުމު ގެއްލޭ ހިސާބަށް އޮޔާ ގޮސްފައި ކަމަށް ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ރަނިން މޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ފައިސަލް މިހެން ވިދާޅުވީ މިހާރު ށ. އަތޮޅަށް ކުރައްވަމުންގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި އެ އަތޮޅު ގޮއިދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

އެގޮތުން ފައިސަލް ވިދާޅުވީ މުޅި ގައުމު ނުރުހިގެން އުޅެނީ އިންސާފާއި ހަމަހަމަކަން ނެތިގެން ކަމަށާއި، އިއްތިހާދުގެ ސަރުކާރެއްގައި ގެއްލިފައިވާ އެ ޙައްޤުތައް ރައްޔިތުންނަށް ހޯދައިދެއްވާނެ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކާކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ އެއީވެސް އަނިޔާއެއް ކަމަށާއި، މި ސަރުކާރުގެ އަނިޔާ ނުލިބޭ މީހަކު ރާއްޖޭގައި މަދުވާނެ ކަމަށެވެ.

ގޮއިދޫގެ ރައްޔިތުންނާއި މުޚާތަބުކުރައްވަމުން ފައިސަލް ވިދާޅުވީ އިއްތިހާދުގެ ސަރުކާރެއްގައި އެ ރަށު ދަނޑުވެރިންނަށާއި މަސްވެރިންނަށް ޙައްޤު އާމްދަނީ ހޯދައިދީ، ޒުވާނުން ކުރާ މަސައްކަތަށް ފުރިހަމަ އުޖޫރައެއް ހޯދައިދޭނެ ކަމަށެވެ.

ފައިސަލް ވިދާޅުވީ މިހާތަނަށް ކެމްޕެއިނަށް ރާއްޖޭގެ އެކި ރަށްތަކަށް ކުރެއްވި ދަތުރުތަކުން ރަށްރަށުގެ ސިއްހީ ހާލަތަށް ސަރުކާރުން ވަރަށް ބޮޑަށް އިހުމާލުވެފައިވާކަން އެނގިވަޑައިގެންފައިވާ ކަމަށެވެ.

އަދި އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ އަށް އިޝާރާތްކުރައްވައި ފައިސަލް ވިދާޅުވީ އެ ފައިސާ އިން ގިނަ ރަށްތަކެއްގައި ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭނެ ކަމަށެވެ.