Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ވަގަށް ނެގި ފައިސާ ހޯދަން ހަސަންއާ ހަވާލުކޮށްފި

ފޮޓޯ: ރާއްޖެއެމްވީ

ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ދައުލަތުގެ ފައިސާ އާއި މުދާ، ހޯދުމަށް ކުރަންޖެހޭ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ކުރަންޖެހޭ ފަންނީ މަސައްކަތް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާ ހަވާލު ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފިއެވެ.

އެގޮތަށް ފާސްކޮށްފައި ވަނީ އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ހުށަހެޅުއްވި ގަރާރާއެކު އެމްޑީޕީ ގައުމީ މަޖިލީހުގެ 52 މެމްބަރުންނާ އެކު ސެންޓަރަލް ހޮޓެލްގައި ބޭއްވި ބައްއްދަލުވުމުގައެވެ.

ޝިފާޒު ގަރާރުގައި ބުނެފައި ވަނީ ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ރައީސް ޔާމީންގެ ސަރުކާރުން ވަގަށް ނެގި ކަމަށް ތުހުމަތު ކުރާ ފައިސާ ދައުލަތަށް އަބުރާ ހޯދައި، ރައްޔިތުންގެ މަންފާއަށާއި ލާބައަށް ބޭނުން ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އިބޫގެ ވެރިކަމުގެ ފުރަތަމަ ދުވަހު ކުރަން ނިންމާފައިވާ ތިން ކަންތައްތަކުގެ ތެރޭގައި ދައުލަތަށް ގެއްލުނު ފައިސާ އަބުރާ ހޯދަން ނިންމާފައި ވާތީ، އެކަން ކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ފަންނީ ތަޖުރިބާކާރުން ހޯދައި، ވާންޖެހޭ ތައްޔާރީތައްވުމުގެ މަސައްކަތް ހަސަން ލަތީފާ ހަވާލު ކުރުމަށް ހުށަހެޅި ގަރާރު ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 52 މެމްބަރުންގެ އިއްތިފާގުންނެވެ.

އިބޫ ހުވާ ކުރެއްވުމަށްފަހު، އެމަނިކުފާނުގެ ބަންޑާރަ ނައިބު އައްޔަން ކުރައްވާއިރަށް، އެ ބޭފުޅާއާއި ހަވާލު ކުރެއްވި މަސައްކަތްކޮށް ނިންމަވާނެ ކަމަށް ގާނޫނީ ވަކީލުކަން ވެސް ކުރައްވާ ހަސަން ވިދާޅުވިއެވެ.

ގައުމީ މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ދެއްކެވި ވާހަކަފުޅުގައި ގޮވާލައްވާފައި ވަނީ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންގެ ތަފްސީލު ދައުލަތުގެ މުއައްސަސާތަކުން އާންމު ކުރެއްވުމަށެވެ. އެގޮތުން ރައީސް އަބްދުﷲ ޔާމީން ހިންގެވި ކަމަށް ބުނާ ހިޔާނާތުގެ ތަފްސީލު އެންޓި ކޮރަޕްޝަންސް ކޮމިޝަން (އޭސީސީ) އާއި އޮޑިޓަރ ޖެނަރަލްގެ އޮފީހުން ހޯދާފައިވާ ކަމަށާއި އެކަމުގެ ތަފްސީލު އެ މުއައްސަސާތަކުން އާންމު ކުރެއްވުމަށް އިބޫ ވަނީ އެދިވަޑައިގެންފައެވެ.

އަންނަ މަހު 23ގައި ބާއްވާ ރިޔާސީ އިންތިހާބު ގުޅިފައިވާ ޕާޓީތަކުން ކާމިޔާބުކޮށް، އިބޫ ވެރިކަމާ ހަވާލުވާ ދުވަހު ހިޔާނާތުގެ ފައިސާ ހޯދުމުގެ އަމަލީ މަސައްކަތް ފަށަންޖެހޭ މިންވަރަށް، ކަންކަން ރާވާފައި ބޭއްވުމަށް ބާރު އަޅައި މެމްބަރުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ހިޔާނާތުގެ ފައިސާ ހޯދުމުގެ އިތުރުން އިބޫގެ ވެރިކަމުގެ ފުރަތަމަ ދުވަހު ކުރަން ނިންމާފައި ވަނީ ހައްޔަރުކޮށްފައިވާ ސިޔާސީ ލީޑަރުން މިނިވަން ކުރުމާއި ޕީޕީއެމްގެ ސަރުކާރުގައި ހިނގާފައިވާ މަރުތަކުގެ ހަގީގަތް ހޯދުމުގެ މަސައްކަތް ކުރުމެވެ.