ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ( އިބޫ) އެމްއެމްޕީއާރްސީގެ ފައިސާ ހޯދުމަށް މިއަދުވެސް މަސައްކަތް ކުރައްވަން ޖެހޭނެ ކަމަށާއި އެހެން ނަމަވެސް އެ ފައިސާ ހޯދަން ކެރިވަޑައިނުގަންނަވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވިއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ތ. ގުރައިދޫގައި ޕީޕީއެމް އިން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އެ ވާހަކަފުޅުގައި ރައީސް ޔާމީން ވިދާޅުވީ، އެމްއެމްޕީއާރްސީގެ ފައިސާ އިބޫއަށް ހޯދޭނެ ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.
ރައީސް ވިދާޅުވީ އެމްއެމްޕީއާރްސީގެ ފައިސާއިން ނަފާ ލިބުނު މީހުންނަށް ބަލާއިރު މިކަމުގައި އެންމެ ބޮޑަށް ޝާމިލުވާ ރައީސް ޔާމީންގެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސަލާމަތްވާ ގޮތަށް ފެބްރުއަރީ އެކެއްގެ ހުކުމްވެސް އެބައޮތް ކަމަށެވެ.
އެމްޑީޕީ މީހުން އެންމެ ބޮޑަށް ރުޅި އަންނަނީ އަދީބު ދެކެ ކަމަށާއި އެކަމަކު ރައީސް މުހައްމަދު ނަޝީދާ އެއްކޮށް އަދީބު ސަލާމަތް ކުރުމަށް ފެބްރުއަރީގެ އެއް ވަނަ ދުވަހުގައި ސުޕްރީމް ކޯޓުން ނެރުނު ހުކުމްގައި އޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެ ހުކުމަކީ ކިހިނެތް އައި ހުކުމެއްކަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިލް އިބްރާހިމް ރައްޔިތުންނަށް ސާފުކޮށްދެއްވި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އެމްއެމްޕީއާރްސީގެ މައްސަލައިގެ ތަހުގީގު އޭސީސީ އިން ނިންމާފައިވާ ކަމަށެވެ. ހަމައެކަނި ނުހޯދެނީ އެ ފައިސާތައް ހުރި ތަންތަން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމްއެމްޕީއާރްސީގެ ފައިސާގެ ވާހަކަ ދައްކަވާއިރު އެމްޑީޕީގެ ފަރާތްތަކުންވެސް އެފައިސާ ހޯއްދަވަންޖެހޭ ކަމަށާއި އެހާ ބޮޑަށް ކޮޕަރްޝަނަށް ކަންބޮޑުވާ ބަޔަކު ނަމަ އެމްޑީޕީގެ ސަރުކާރުގައި ގެއްލުނު ދައުލަތުގެ ފައިސާވެސް ހޯއްދަވަން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. ރައީސް ވިދާޅުވީ، އެމްޑީޕީގެ އެކި ވުޒާރާތަކުން ގާތްގަނޑަކަށް 1.57 ބިލިއަން ރުފިޔާ ގެއްލިފައިވާކަމަށެވެ. މި ތުހުމަތުތައް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް ކުރިއެވެ. ނަމަވެސް އެކަމުގެ ހަގީގަތް ހޯދައި ތަހްގީގު ހިންގާފައެއް ނުވެ އެވެ.
އެމްޑީޕީގެ ސަރުކާރުގެ ވެރިކަމުގައި ފައިސާ ގެއްލިފައިވާ ކަމަށް ރައީސް ޔާމީން ތުހުމަތު ކުރައްވާ އިރު، އެ ފައިސާއަކީ ވަކި ބައެއްގެ އަމިއްލަ ބޭނުމަށް ނަގާފައި ހުރި ފައިސާ ކަމެއް މި ސަރުކާރުން ހާމައެއް ނުކުރެ އެވެ.
އެމްއެމްޕީއާރުސީން 1.22 ބިލިއަން ރުފިޔާގެ ހިޔާނާތް ހިންގާފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ހާމަވާއިރު، ރަނގަޅު ތަހްގީގެއް ހިންގައިފި ނަމަ އެ އަދަދު 3 ބިލިއަނަށް އަރާނެ ކަމަށް ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒު އިބްރާހިމް ވަނީ ވިދާޅުވެފަ އެވެ.
އެ ފައިސާގެ ތެރެއިން ބައެއް ފައިސާ ރައީސް ޔާމީންގެ ގެކޮޅަށް ވެއްދި ކަމަށް، އަލްޖަޒީރާގެ ސްޓީލިން ޕެރަޑައިސްގައި ބުނެފައިވާއިރު، ދާދި ފަހުން އަދީބު ކޯޓުގައި ވިދާޅުވެފައިވަނީ ދައުލަތް ހިންގެވީ އެ މަނިކުފާނު ކަމަށާއި ރައީސް ޔާމީން އުޅުއްވީ ފައިސާ ގުނުމާއި މާރުކުރެއްވުމުގައި ކަމަށެވެ.
ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ދައުލަތުގެ ފައިސާ އާއި މުދާ، ހޯދުމަށް ކުރަންޖެހޭ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ކުރަންޖެހޭ ފަންނީ މަސައްކަތް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާ ހަވާލު ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ މިއަދު ފާސްކުރައްވާފައެވެ.