ޒުވާން އަންހެން ގްރޫޕަކުން، އަނިޔާކޮށް، ބިރުދެއްކި ފަހުން ގެއްލިގެން ހޯދި ނަޝްފާ މިއަދު ފެނިއްޖެ އެވެ.
އެ ކުއްޖާ އަމިއްލައަށް މިއަދު ހަވީރު ފުލުހުންގެ އިދާރާ އަށް ހާޒިރުވެފައިވާ ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ ވިދާޅުވެފައެެވެ.
މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން ހުޅުމާލޭގައި ދިރިއުޅޭ ގދ. ތިނަދޫ އާބާދުވާދީ، ނަޝްފާ ހަސަން، 15، ދިޔަތަނެއް ނޭނގިގެން އާއިލާއިން ވަނީ ހޯދަން ފަށާފައެވެ. އަދި ފުލުހުންވެސް ވަނީ ނަޝްފާ ހޯދުމުގެ މަސައްކަތް ފަށާ އާންމުގެ އެހީތެރިކަމަށް ވެސް އެދިފައެވެ.
ގެއްލުނު ކުއްޖާ ފެނުނު ވާހަކައިގެ އިތުރުން އެއްވެސް ތަފްސީލެއް ފުލުހުން ދެއްވާފައެެއް ނުވެއެވެ.
އަންހެން ކުއްޖާ ގެއްލުނުތާ ހަފުތާއެއްހާ ދުވަސް ވީ ނަމަވެސް، އާއިލާއަކުން އެކަމެއް ފުލުހުންނަކަށް އަންގާފައި ނުވާކަމަށް ހަބަރު ފެތުރިފައިވެއެވެ.
ތިން އަންހެނުން ހިމެނޭ ގުރޫޕަކުން، އަންހެން ކުއްޖާއަށް އަނިޔާކޮށްފައިވަނީ މިދިޔަ މެއި މަހުގެ ތެރޭގައި ނަމަވެސް، އެ ވީޑިއޯ ވައިރަލް ވެފައިވަނީ މީގެ ފަސް ދުވަސްވަރު ކުރިންނެވެ. އެކަމަކު، އެ ތިން އަންހެނުންނާ ސުވާލުކުރި ކަމެއް ނުވަތަ ހައްޔަރުކުރި ކަމެއް ފުލުހުން އަދިއެއް ނުބުނެ އެވެ. ފުލުހުން ބުނީ، މި މައްސަލާގައި އިތުރު މައުލޫމާތެއް މި ވަގުތު ހާމަކުރެވެން ނެތް ކަމަށެވެ.
މި ހާދިސާ މުޖުތަމައުގެ އެކި ފެންވަރުގައި ކުށްވެރިކޮށް އެ މައްސަލަ ބެލުމަށް ވަނީ އަޑު އުފުލާފައެވެ. ވަރަށް ގިނަ ބައެއްގެ ނަފްރަތު މި އަމަލު ހިންގި ތިން ކުދިންނަށް މީސްމީޑިއާގައި ދަނީ އޮހެމުންނެވެ.