Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ވަގު ފޯމް ހުށަހެޅި މީހުންނަށް ދެކޮޅަށް ދައުވާ ކުރަނީ

ވެރިފަރާތް ނޫން އެހެން މީހަކު ފިންގަ ޕްރިންޓު ޖަހައިގެން 1892 ރީ-ރަޖިސްޓްރޭޝަން ފޯމް ހުށަހަޅާފައިވާތީ އެ މީހުންނާ ދެކޮޅަށް ދައުވާ ކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ފިންގަ ޕްރިންޓު ޖަހާފައި އޮތީ ފޯމްގެ ވެރިފަރާތް ނޫން ކަން ކަށަވަރުވާ 1892 ފޯމް އީސީ އަށް ހުށަހެޅި ކަމަށް އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވިއެވެ. އެ ހުރިހާ ފޯމެއް އިލެކްޝަންސް ކޮމިޝަނުން ވަނީ ބާތިލްކޮށްފަ އެވެ.

ރީ-ރަޖިސްޓްރީ ވުމުގައި މިހާ ދިގު މުއްދަތެއް ނެގީ، އަންނަ މަހުގެ 23 ގައި އޮންނަ ރިޔާސީ އިންިތިޚާބުގެ ރީ- ރަޖިސްޓްރޭޝަން މަރުހަލާ އޮޅުވާލުމަށް ބައެއް ފަރާތްތަކުން މަސައްކަތްކޮށްފައިވާތީ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

ދައުވާ ކުރަން ނިންމި މީހުންގެ ތެރޭގައި ފޯމްތައް ހުށަހެޅި މީހުންނާއި ހެކިވެރިންގެ ގޮތުގައި ތިބި މީހުން ހިމެނޭ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ފޯމްތަކުގައި ފިންގަ ޕްރިންޓް ޖަހާފައި ހުރި މީހުން ދެނެގަތުމަށާއި ފޯމް ހިފައިގެން ދިޔަ މީހުން ދެނެގަތުމަށް އަންނަ ހަފްތާގައި ފުލުހުންނަށް ފޮނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިއީ ވަރަށް ދެރަ މައްސަލައެއް ކަމަށާއި އިންތިޚާބުގެ ދުވަސްވަރު މިކަން ކުރި މީހުން މިކަންކޮށްފައި ވާނީ އޮޅުވާލުމާއި އިތުރަށް ލަސް ކުރުމުގެ ބޭނުމުގައި ކަމަށް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވަނީ ބާތިލް ކުރި ފޯމްތަކުގެ ތެރެއިން 1،892 ފޯމް ހުށަހެޅީ ކޮން ޕާޓީއެއްގެ ބައެއްކަން ހާމަ ކުރައްވަން ދެކޮޅު ހައްދަވާފަ އެވެ. އަދި ކޯޓަށް ހުށަހެޅުމާއެކު، އެ މައުލޫމާތުތައް ހާމަ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.