ކުރީގެ ރައީސް މުހައްމަދު ނަޝީދު، ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އީބޫ) އާ ބައްދަލު ކުރައްވައިފި އެވެ.
ނަޝީދު އިބޫއާއި ބައްދަލުކުރައްވާފައިވަނީ، އަންނަމަހު ބާއްވާ ރިޔާސީ އިންތިހާބަށް ތާއިދު ހޯއްދެވުމުގެ ގޮތުން ލަންކާގައި ތިބި ދިވެހިންނާއި ބައްދަލުކުރެއްވުމަށް އިބޫ ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިންނެވެ. ނަޝީދު އިބޫއާއި ބައްދަލުކުރައްވާފައިވަނީ ރޭގެ ވަގުތެއްގައެވެ.
އިބޫ ލަންކާއަށް ކުރައްވާ ދަތުރުގައި މިއަދު ލަންކާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ބައްދަލުވުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް އިބޫއާއެކު ބައިވެރިވެ ވަޑައިގަންނަވާނެކަމަށް މައުލޫމާތު ލިބެއެވެ. އިބޫ ލަންކާއަށް ކުރައްވާ ދަތުރު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަންނަވާނީ އަންގާރަ ދުވަހުއެވެ.
އިބޫ އާއިއެކު މި ދަތުރުގައި އިދިކޮޅު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ޕާޓީތަކުގެ އިސް ފަރާތްތަކުންނާއި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުންވެސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.
އިބޫގެ ރަނިންމޭޓް ފައިސަލް ނަސީމް ވިވަގުތު ދަނީ ކެމްޕޭން ކުރެއްވުމަށް ށ. އަތޮޅަށް ވަޑައިގެން އެ އަތޮޅުގެ އެކި ރަށްރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވަމުންނެވެ.