އަވަށްޓެރި އިންޑިޔާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ އަސްކަރީ ދެ ހެލިކޮޕްޓަރު އިންޑިޔާއަށް ނުގެންގޮސް ރާއްޖޭގައި ބޭއްވުމަށް ދިވެހި ސަރުކާރުން އެއްބަސްވެއްޖެއެވެ.
ރާއްޖެއަށް އިންޑިޔާ ސަރުކާރުން 2013 ވަނަ އަހަރު ހަދިޔާ ކުރި ދެ ހެލިކޮޕްޓަރުގެ މުއްދަތު ހަމަވެ، ހެލިކޮޕްޓަރުތައް ގެންދަން އިންޑިޔާއިން ނިންމާފައިވަނިކޮށް ހެލިކޮޕްޓަރުތައް ރާއްޖޭގައި އިތުރު މުއްދަތަކަށް ވަނީ ބާއްވާފައެވެ. އަދި އެމުއްދަތުގައި ދިވެހި ސަރުކާރުން ވަނީ މިހާރު ހެލިކޮޕްޓަރުގެ ބޭނުމެއް ރާއްޖެއަށް ނެތް ކަމަށް ވެސް ބުނެފައެވެ.
ދެ ސަރުކާރުގެ ސިޔާސީ ގުޅުމަށް ފާއިތުވެދިޔަ ހަތް މަސް ދުވަހު ތެރޭގައި ބުރޫ އަރާފައިވި ނަމަވެސް މިހާރު "އިކޮނޮމިކް ޓައިމްސް" ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ދެ ސަރުކާރުގެ ދެމެދުގައި ހެލިކޮޕްޓަރު ރާއްޖޭގައި ބޭއްވުމާމެދު އެއްބަސްވުމަކާ ގާތަށް އާދެވިއްޖެއެވެ.
މި އެއްބަސްވުމުގައި، ކުރިއެކޭ ވެސް އެއްގޮތަށް ދެ ހެލިކޮޕްޓަރާއި ހެލިކޮޕްޓަރުގެ ކްރޫ އަދި ސަޕޯޓު މުވައްޒިފުން ވެސް ރާއްޖޭގައި ބޭތިބުމަށް ވަނީ ނިންމާފައެވެ. އިންޑިޔާގެ އޮފިޝަލަކާ ހަވާލާދީ ޓައިމްސްގައި ރިޕޯޓުކޮށްފައިވާ ގޮތުން ހެލިކޮޕްޓަރުތައް އިންޑިޔާއަށް އަނބުރާ ނުގެންދާނެ އެވެ.
އިންޑިޔާއިން ދީފައިވާ ދެ ހެލިކޮޕްޓަރުގެ ތެރެއިން އެއް ހެލިކޮޕްޓަރުގެ މުއްދަތު މިއަހަރު ކުރީކޮޅަށް ހަމަވެފައިވާއިރު އަނެއް ހެލިކޮޕްޓަރުގެ މުއްދަތު ވަނީ ޖޫން މަހުގެ 30 ވަނަ ދުވަހު ހަމަވެފައެވެ. މި ދެހެލިކޮޕްޓަރު އޮންނަނީ ލ. ކައްދުގެ އިތުރުން އައްޑޫ ސިޓީ ގަމުގައެވެ.