Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ތަފުސީލުތަކާ އެކު ވޯޓާސް ލިސްޓް އާންމުކޮށްފި

23 ސެޕްޓެމްބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބޭ މީހުންގެ ލިސްޓު އިލެކްޝަން ކޮމިޝަން (އީސީ) އިން ރޭ އާންމުކޮށްފި އެވެ.

އީސީ އިން އާންމު ކުރި ވޯޓާސް ލިސްޓުގައި އަންނަ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 262،135 މީހުންގެ ނަމާއި އައިޑީކާޑު ނަމްބަރާއި ވޯޓުލާން ޖެހޭ ފޮށީގެ މައުލޫމާތު ވެސް ވަނީ ހިމަނާފަ އެވެ.

ފާއިތުވެދިޔަ އިންތިޚާބުތަކުގައި ވޯޓާސް ލިސްޓުގައި ވޯޓުލާ މީހާގެ ފޮޓޯ ވެސް ޖަހައެވެ. ނަމަވެސް މިފަހަރު ވަނީ ފޮޓޯ ނުޖަހާ ގޮތަށް ނިންމަވާފައެވެ. އެގޮތަށް ނިންމީ ވޯޓާޒް ލިސްޓްގައި ހުންނަ ބައެއް ފޮޓޯތަކަކީ މިހާރު މޫނު ބުރުގާ އަޅާ މީހުންގެ މޫނު ފެންނަ ފޮޓޯއަށް ވުމާއި އަދި މިހާރު ބުރުގާ އަޅާ މީހުންގެ ބުރުގާ ނާޅާ ފޮޓޯ އައިޑީކާޑްގައި ހުރުމުން އެކަމުގެ ޝަކުވާތައް އީސީ ލިބޭތީ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އެހެން ނަމަވެސް އިދިކޮޅު ބައެއް ފަރާތްތަކުން ބުނަމުން ގެންދިޔައީ އެއީވެސް ވޯޓު އޮޅުވާލަން ކުރާ މަސައްކަތްތަކުގެ ތެރެއަށް ސަރުކާރުން އިތުރުކުރި ބޮޅެއް ކަމަށެވެ.

އީސީގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންނަ ބުދަ ދުވަހުގެ ނިޔަލަށް
ހުޅުވާލާފައިވާ ކަމަށެވެ.

ކޮންމެ ފަރުދެއްގެ ވެސް ފަރުދީ ޒިންމާއެއް ވާ ކަން ދަނެ ކޮންމެ ބޭފުޅަކުވެސް އެ ބޭފުޅެއްގެ ނަން އަދި އައިޑީ ކާޑު ނަމްބަރު ޗެކް ކުރައްވާ ވޯޓުލާ ފޮށި އެއީ ރަނގަޅު ފޮށިތޯ ބައްލަވަންވާނެއެވެ. އެންމެ ފަހު ދުވަހަށް މަޑު ކުރައްވައިގެން އެ ދުވަހު ވޯޓު ނުލެވިއްޖެ ހާލަތެއްގައި ޒިންމާ ނަންގަވަންޖެހޭ ފަރާތަކަށް އަމިއްލަ ނަފްސު ވާނެ ކަންވެސް ދަންނަންޖެހޭނެއެވެ.