Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

މި ސަރުކާރު ވަނީ ބޮޑުތަނުން ފެއިލްވެފައި: ފައިސަލް

މި ސަރުކާރު ވަނީ ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ބޮޑުތަނުން ފެއިލްވެފައި ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިންމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ފައިސަލް ވިދާޅުވީ މި ސަރުކާރުން ނުބައިވެގެން ނުކުރާކަމެއް ވެސް ނެތް ކަމަށެވެ. އެގޮތުން ކޮރަޕްޝަނާއި ވައްކަން އޮތްކަން ފާހަގަ ކުރެއްވި އެވެ.

ށ.މިލަންދޫގައި އާދިއްތަ ދުވަހުގެ ބޭއްވި ޖަލްސާގައި ފައިސަލް ވިދާޅުވީ މި ސަރުކާރުން އަސާސީ ހިދުމަތްތައް ދެމުންދަނީ ނަމެއްގައި ކަމަށެވެ. އެގޮތުން ސިއްހީ ހިދުމަތްތައް ދިނުމަށް ބައެއް ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް ހިންގަމުންދަނީ ވެސް ނަމެއްގައި ކަމަށެވެ. ނަމަވެސް ކޯލިޝަން ސަރުކާރެއްގައި ސިއްހީ ހިދުމަތް ރަނގަޅު ފެންވަރެއްގައި ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށް ކޯލިޝަން ސަރުކާރުގައި މަސައްކަތް ކުރައްވާނެ ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ. ކުޑަކުދިންގެ ހައްގުތައް ހިމާތްކުރުމަށް މަސައްކަތްކުރުމަށް ބޭނުންވާ ވަރާ ގާތަށް ވެސް ބަޖެޓް ނުދޭ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ކޯލިޝަން ސަރުކާރުގައި އެކަމަށް ބޭނުންވާ ފައިސާ ފޯރުކޮށްދެއްވާނެ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.

ސަރުކާރަށް ތާއިދުކޮށްގެން ތިބި މެމްބަރުން ކޯލިޝަނަށް ތާއީދުކުރުމުން އެކަމާމެދު ބަޔަކު ކަންބޮޑުވާއިރު ޖަލުތަކުގައި ނުހައްގުން ބަޔަކަށް އަނިޔާ ލިބެމުންދާއިރު އެ އަސަރު ނުކުރޭތޯ ފައިސަލް ވަނީ ސުވާލު ކުރައްވާފައެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުނަށް އިނާޔަތް ބޮޑު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ހުށަހެޅުމުން އެ މަޖިލީހުގެ ތެރެއިން ފެއިލް ކޮށްލީ ކޮން ބައެއްކަން އެންމެނަށް ވެސް އެނގޭނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.

ފައިސަލްގެ ދަތުރުފުޅު ތަކުގައި ރައްޔިތުންނާއި ބައްދަލުކުރައްވާ ދައްކަވާ ވާހަކަފުޅުތަކުގައި ސަރުކާރުން ކަންތައްތައް ކުރައްވާ ގޮތްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ކަންކަމުގެ ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދެއްވައެވެ. އަދި އެބޭފުޅުންގެ ސަރުކާރެއްގައި ކުރައްވާނެ ގިނަ ކަންތައްތަކަކަށް އަލިއަޅުއްވާލައްވާކަން ވެސް ފާހަގަ ކުރެވެއެވެ.