Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ބުރާސްފަތި ދުވަހު ބްރިޖް ހުޅުވަނީ

ރާއްޖޭގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ، މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ބްރިޖު އަންނަ ބުރާސްފަތި ދުވަހު ރަސްމީކޮށް ހުޅުވުމަށް ނިންމާފައިވާކަން ރައީސް އަބްދުﷲ ޔާމީން ރޭ އިއުލާން ކުރައްވައިފި އެވެ.

އެ މަނިކުފާނު މިކަން އިއުލާން ކުރެއްވީ ޕީޕީއެމާއި ޒުވާނުންތަކެއް ގުޅުމަށް ރޭ ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ޔާމީން ވިދާޅުވީ، ބުރާސްފަތި ދުވަހު ބްރިޖު ހުޅުވާނެ ކަމަށާއި އެއާ އެކު ހުޅުލެ އާއި ހުޅުމާލެ އަށް ދިއުމަށް ކުރަންޖެހޭ ދަތުރުތައް އަވަސް ވެފައި ފަސޭހަ ވާނެ ކަމަށެވެ.

ބްރިޖު ހުޅުވުމުގެ ހަފުލާގައި ހަވާ އެރުވުން ފަދަ ގިނަ ހަރަކާތްތަކެއް ވަނީ ބޭއްވުމަށް ނިންމައިފަ އެވެ. އެ ރަސްމިއްޔާތުގައި، ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ދިވެހި ސަރުކާރުން ބުނެ އެވެ.

ރޭގެ ހަފުލާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ބްރިޖު އަޅަން ނިންމުމުން އެއީ ކުރެވޭނެ ކަމެއްތޯ އިދިކޮޅު ފަރާތްތަކުން ސުވާލު އުފެއްދި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. ނަޝީދަށް އަމާޒު ކުރައްވައި ރައީސް ޔާމީން ވިދާޅުވީ، ދެން "ގޮނޑި ދުއްވަން" ވެސް އަންނަން ވީ ބްރިޖަށް ކަމަށެވެ.

މާލެ އާއި ހުޅުލެއާ ދެމެދު ފެރީގައި ކުރާ ގާތްގަނޑަކަށް 20 މިނެޓުގެ ދަތުރު، ބްރިޖާ އެކު ތިން މިނެޓަށް އަވަސްވާނެ އެވެ. ބްރިޖުގައި ވެހިކަލްތަކަށް ޖުމްލަ ހަތަރު ލޭން އޮންނާނެ އެވެ. އެއީ ހުޅުލޭ ކޮޅަށް ޚާއްސަ ދެ ލޭނާއި މާލޭ ކޮޅަށް ދެ ލޭނެވެ. މާލޭ ކޮޅުގެ ދެ ލޭންގައި، 3.5 މީޓަރު ހުންނައިރު، އަނެއް ދެ ލޭންގައި 3.2 މީޓަރު ހުރެ އެވެ.

ބްރިޖުގައި މިހާރު ކުރަމުން އަންނަނީ ތާރު އަޅައި، ލައިޓް ހަރުކުރުމުގެ މަސައްކަތެވެ. އަދި ބްރިޖަށް ދާން އޮންނަ މަގު މާލެ އާއި ހުޅުމާލޭގައި ދަނީ ތާރު އަޅައި ހަދަމުންނެވެ. ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދު ވާއިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރެ އެވެ.