Last Updated: July 1, 14:02
Wednesday, July 1, 2026
ރިޕޯޓް

ހުޅުމީދޫ ތައުލީމީ އާ ހަރުފަތަކަށް!

ރާއްޖޭގެ ތައުލީމީ ދާއިރާގައި ހުޅުމީދޫ އަކީ ނަމޫނާ ރަށެކެވެ. ރާއްޖޭގެ އެއް ރަށެއްގައި އެންމެ ގިނަ ޕީއެޗްޑީ ނަންގަވައިގެން ތިއްބެވި ބޭފުޅުން ތިބީ ހުޅުމީދޫގައިއެވެ. އެންމެ ގިނަ ޑޮކްޓަރުން ތިބީ ހުޅުމީދޫގައިއެވެ. ދިވެހި ތާރީހުގައި ހުޅުމީދޫއަކީ ތައުލީމީ ގޮތުން ފާހަނގަ ކޮށްލެވޭ ރަށެކެވެ.

ކުރީ ޒަމާނުގައި ހުޅުމީދޫ އަކީ ތައުލީމު އުނގަންނައިދޭ މަރުކަޒެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން ހުޅުމީދޫއަށް އައިސް ވަނީ ތައުލީމު ލިބިގެންފައެވެ. މަޝްހޫރު ހުސެއިން ސަލާހުއްދީނާއި، ބޮޑުފެންވަޅުގޭ ސީދީ ފަދަ އެތައް ބޭފުޅުންނެއް ތައުލީމު އުނގެނިފައިވަނީ ހުޅުމީދޫ ފަސްގަނޑުގައެވެ.

މަޝްހޫރު ފަޤީހު މޫސާ އާއި، އައްޑޫ ބޮޑު ފަނޑިޔާރު ތަކުރުފާނާއި، އައިސާދަރި ދޮން ބެއްޔާ ފަދަ އެތައް އަގުހުރި އިލްމުވެރިތަކެއް ނިސްބަތް ވަނީ މިރަށެކެވެ.

ހުޅުމީދޫ ފާހަނގަ ކޮށްލެވެނީ ތައުލީމު ހޯދުމަށްޓަކައި ކޮންމެފަދަ ގުރުބާނީއެއްވާން ޖެހުނަސް ޖެހިލުން ނުވާ ފަދަ ރައްޔިތަކު އުޅޭ ފަސްގަނޑެއްގެ ގޮތުގައެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުން މިއަދުވެސް ހުޅުމީދޫގެ ދަރިން ފެންނަނީ ތައުލީމީ ގޮތުން ވިދާ ތަރިންގެ ގޮތުގައެވެ. މިއަދު މި ގައުމު ބިނާ ކުރުމުގެ އެންމެ އިސް ސަފުން އެންމެ ގިނައިން ފެންނަނީ ހުޅުމީދޫއަށް ނިސްބަތްވާ ދަރިންނެވެ. ޑޮކްޓަރުންނާއި، ނަރުހުން، ޓީޗަރުންނާއި، ގާނޫނީ މާހިރުން، ބޮޑެތި ވިޔަފާރިވެން މިހެންގޮސް ނަން ހުސްކޮށް ކިޔާލެވިދާނެއެވެ.

ކޮންމެ އަކަސް މާޒީގައި ކުރެވުނު ބުރަ މަސައްކަތުގެ ނަތީޖާ މިއަދު ގައުމުން ފެންނަމުން ދާއިރު އަނެއްކާވެސް އުފާވެރިކަމުގެ ކުލަތައް ފެންނަން ފަށައިފިއެވެ.

ރާއްޖޭގެ ފުރަތަމަ ލޯ ކޮލެޖްގެ ކިޔެވުން މިމަހު ފެށިގެންދާއިރު، ރޭ ވަނީ ސ. އަތޮޅު މަދަރަސާގައި ފުރަތަމަ ފަހަރަށް އޭލެވެލް ކިޔަވއިދިނުން އިފްތިތާހު ކޮށްފައެވެ.

މިއީ ތައުލީމީ ގޮތުން ފާހަނގަކޮށްލެވޭ ދެކަމެވެ. އަނެއް ކޮޅުން އަތޮޅު މަދަރަސާގެ ދަރިވަރުން މިދިޔަ އޯލެވެލް އިމްތިހާނުގައި ހޯދި ނަތީޖާއަކީވެސް ފާހަނގަ ކޮށެލެވޭ ވަރުގެ ނަތީޖާއެކެވެ.

މަންޒަރު ފެންނަގޮތުން އަނެއްކާވެސް ހުޅުމީދޫ ބަދަލުވެގެން ދާނީ މާޒީގައިވި ގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ތައުލީމު އުގެނުމަށް އަންނަ ތަނެއްގެ ގޮތުގައެވެ.

ލޯ ކޮލެޖުން ނިންމާފައި އޮތީ ކޮލެޖަށް ކިޔަވަން އަންނަ އެހެން ރަށް ތަކުގެ ކުދިންނަށް ފަސޭހަ ގޮތަކަށް ތިބެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށެވެ. އަދި މިކަމުގައި ރަށުގެ ރައްޔިތުން ތިބީ އުފަލާއި އެކު މަރުހަބާ ކިއުމަށް ތައްޔާރަށެވެ.

ހުޅުމީދޫން ހިޖުރަ ކުރި އާއިލާތައް މިހާރު މާލޭގެ ބޮޑު ކުލީގައި ތިބުމުގެ ބޭނުމެއް ނެތެވެ. އޭލެވެލް އަމިއްލަ ރަށުގައި ތިބެ ކިޔެވޭ އިރު މަތީ ތައުލީމަށް ވެސް ވަނީ ފުރުސަތު ހުޅުވިފައެވެ.

ލޯ ކޮލެޖްގެ އަމާޒަކީ ކުދިން ލިބޭ މިންވަރަށް ބަަލައި ރާއްޖޭން ދެވޭ އެންމެ ރަނގަޅު ކޯސްތައް އެތަނުގައި ކިޔަވައިދިނުމަށެވެ. އެކަމަށް ނިކުމެ ތިބީ ހުޅުމީދޫގެ ފަހުރުވެރި ދަރީންނެވެ. މާޒީން އިބްރަތް ހޯދައި ކުރި މަގު ހަމަ އެގޮތުގައި ކުރިއަށްގެންދަން ބޭނުން ބޭފުޅުންނެވެ.