Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

އާ ކަމެއްގެ ވާހަކަ ދައްކާކަށް އިދިކޮޅަކަށް ނޭގޭ: އަދުރޭ

އިދިކޮޅު ފަރާތްތަކަށް އާ ވަހާކަތަކެއް ދައްކަވަން ނޭގޭ ކަމަށާއި، އަބަދުވެސް ވާހަކަ ދައްކަވަނީ ރައީސް އަބްދުﷲ ޔާމީން ދައްކަވާ ވާހަކަފުޅުތަކުގެ ފަހަތުންކަމަށް ޕީޕީއެމްގެ ނައިބް ލީޑަރ އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްްޖެއެވެ.

ރ. އަލިފުށީގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ އެމަނިކުފާން ރައީސް ޔާމީންގެ ތަރައްޤީގެ ވާހަކަ ދެއްކެވުމުގެ ބަދަލުގައި ބޭނުންފުޅު ވަނީ އިދިކޮޅު ކެންޑިޑޭޓާއި ރަނިންމޭޓު ދައްކަވާ ވާހަކަފުޅު ތަކަށް ރައްދު ދެއްވުމަށް ކަމަށެވެ.

އަދުރޭ ވިދާޅުވީ އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު އާއި ރަނިންމޭޓު ފައިސަލް ނަސީމް ރަށްރަށަށް ވަޑައިގެން ދައްކަވާ ވާހަކަފުޅު ތަކުން މިދެ ބޭފުޅުންނަކީ ގައުމެއްގެ ނުވަތަ ރާއްޖޭގެ ވެރިކަން ކުރެވޭނެ ނުވަތަ ވެރިކަމަށް ތަސައްރަފު ފުދޭ ބޭފުޅުންތޯ ސުވާލު އުފެދޭ ކަމަށެވެ.

އިއްޔެ އިއްތިހާދުގެ ރަނިންމޭޓު ށ. އަތޮޅު ކަނޑިތީމުގައި ގައުމު އޮޔާ ގޮސްފި ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކަށް އަދުރޭ ވަނީ ރައްދު ދެއްވާފައެވެ. ރާއްޖޭގެ ސިއްހީ ނިޒާމާއި ތައުލިމީ ނިޒާމާއި ރާއްޖޭގެ ތަރައްޤީ އޮޔާ ގޮސްފިކަމަށް ފައިސަލް ދެއްކެވި ވާހަކަތަކަށް އަދުރޭ ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމަށް މި ސަރުކާރުން ގެނެސްދިން ތަރައްްޤީ އަލިފުށީ ރައްޔިތުންނަށް ސާފުކޮށް އެނގޭނެކަމަށެވެ.

އަދުރޭ ވިދާޅުވީ އިބްރާހިމް މުހައްމަދު ސޯލިހު އާއި ފައިސަލް ނަސީމަކީ މީގެ ކުރިން ރައްޔިތުން ކާރިއަށް އައިސް ރައްޔިތުންނަށް ދަތިވެފައިވަނީ ކޮންކަމެއްތޯ ބަލައި ސާފު ކުރި ބައެއް ނޫންކަމަށެވެ. އަދި އެކަން ކުރީ މި ވެރިކަމުން ކަމަށާއި އެއީ ރައީސް ޔާމީން ކުރެއްވި ކަންކަންކަމަށެވެ.

އެމްޑީޕީ އަކީ ވެރިކަން ކުރަން ނޭގޭ ބައެއްކަން ދިވެހި ރައްޔިތުންނަށް އެނގޭ ކަމަށާއި އެކަން ދެވަނަ ފަހަރަށް ތަޖުރިބާ ކުރަން ބޭނުން ނުވާކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި ބޭރު ގައުމުތަކުން ރާއްޖެ ހިފަން ހިތްވަރު ދިނަސް އެކަމެއް ނުކުރެވޭނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.