Last Updated: May 17, 18:06
Friday, May 17, 2024
ޚަބަރު

ޖައްވުގައި އަޅާ ވައިރަސްއަށް ޖާގަ ނުދެއްވާ: ރައީސް ޔާމީން

ރ. އަތޮޅަކީ ސާބިތު ކަމާއި އެކު ރައީސް ނަޝީދަށާއު އެ ފިކުރަށް ނޫނެކޭ ބުނެ އެމްޑީޕީ ބަލިކޮށްލާފައިވާ އަތޮޅެއް ކަމަށާއި، އަލިފުށީން ކޮށްދޭން ޖެހޭ ކަމަކީ އެފިކުރު މިހާރުވެސް މިތާ އޮތްކަން ދައްކާ ދިނުންކަމަށާއި އިންތިހާބުތަކާއި ދިމާކޮށް "ޖައްވުގައި އަޅާ ވައިރަސްތަކަށް" ޖާގަ ނުދެއްވުން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރ. އަލިފުށީ ނަރުދަމާ ނިންމުން ފާހަގަކުުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ ރ. އަތޮޅަކީ ޕީޕީއެމް ވަރުގަދަ އަތޮޅެއް ކަމަށާއި، އުނގޫފާރު މެމްބަރ އަފްރަޝީމް އަލީ އަވަހާރަކޮށްލުމާއި ގުޅިގެން އެގޮޑި ހުސްވުމުން އެގޮޑި އަލުން ނެގުމަށް ބުރަ މަސައްކަތެއް ކުރަން ޖެހުނު އަތޮޅެއް ކަމަށެވެ. އެހެންވެ އެތައް ފަހަރަކު ރ އަތޮޅަށް ވަޑައިގެންނެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އަލިފުށިން އެ ޔަގީންކަން ދެއްވަން ޖެހޭ ކަމަށާއި ރައްޔިތުންގެ ވިންދު އެގޮތުގައި ބަހައްޓައި އެކަން ދައްކަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާން ކުރައްވަނީ ގައުމީ މަސައްކަތެއް ކަމަށާއި އެކަމުގައި ރައްޔިތުންގެ ތާއިދު ލިބެމުން އަންނަ ކަމަށެވެ.

އިގްތިސާދީ ވާހަކަ ދެއްކީ އޭރު ރާއްޖެ އޮތް ހާލަތުން ކަމަށާއި، އިދިކޮޅު ފަރާތްތަކުން، އިގްތިސާދާއި ޒުވާނުންގެ ވާހަކަ ދެއްކޭނީ އެމަނިކުފާންގެ "ހިޔަނީގެ ދެ ތިން މޭލު ފަހަތުގައި ހުރެ" ކަމަށެވެ.

ރާއްޖެ އޭރު އޮތް ގޮތުން ބޭރުން ލޯނު ނުލިބޭ ކަމަށާާއި ދިވެހި ބޭންކުތަކުން ދިވެހި ވިޔަފާރިތަކަށް ލޯނު ނުދޭކަމަށެވެ. ނަމަވެސް މިވީ މުއްދަތުގައި 76،000 އަށް ވުރެ ގިނަ ވަޒީފާ އުފައްދާފައިވާ ކަމަށް އެމަނިކުފާން ވިދާޅުވިއެވެ.

އަލިފުށީގައި ރައީސް ވަނީ ގިނަ ވައުދުތަކެއް ވެވަޑައިގެންފައެވެ. އެގޮތުން އަލިފުށީ ކައިރީގައި އޮންނަ އެއްތަގިލީގައި ރިސޯޓު ހަދާނެ ކަމަށާއި، އަލިފުށީގެ ބޯޓު ޔާޑަކީ ޒުވާނުންނަށް ފުރުސަތު އޮންނަ ތަނަކަށް ހަދާނެ ކަަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އަލިފުށީގައި އޮޑިފަހަރު ބަންނަ ފަރާތްތަކަށް އެސްއެމްއީ ލޯނު ހޯދައި ދީ އެރަށުގެ ބިމުގެ ޖާގަ ބޮޑުކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.