އެމްޑީޕީގެ ސަރުކާރުގައި ބޮޑެތި ކޮރަޕްޝަންތައް ހިންގާފައިވާ ކަމަށް ބުނެ ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމުން ދައްކަމުންދާ ވާހަކައަކީ ތެދެއްނަމަ، މި ސަރުކާރުން އެކަމާއިމެދު ފިޔަވަޅު ނާޅައި ނޯންނާނެ ކަމަށް އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މާރިޔާ މިހެން ވިދާޅުވެފައި ވަނީ ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުން ސިލްސިލާކޮށް ބާއްވަމުން އަންނަ ޕްރެސް ކޮންފަރެންސްތަކުގެ ތެރެއިން މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ މާރިޔާ ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ކޮރަޕްޝަނެއް ހިނގާފައިވާ ކަމަކަށް ސަރުކާރުގެ އެއްވެސް އިދާރާއަކުން މިހާތަނަށް ސާބިތު ވެފައެއް ނެތް ކަމަށާއި އަދި އެއްވެސް ބޭފުޅަކާ ދޭތެރޭގައި އެފަދަ އެއްވެސް ފިޔަވަޅެއް ވެސް އެޅިފައި ނުވާ ކަމަށެވެ.
މިދިޔަ ފަސް އަހަރު ދުވަހަކީ މި ސަރުކާރުން ބޭނުން ކަމެއް ކުރެވޭވަރަށް ހުރިހާ ބާރެއް ލިބިދީފައި އޮތް ފަސް އަހަރުކަން ފާހަގަކުރައްވައި މާރިޔާ ވިދާޅުވީ މި ސަރުކާރުން ބޭނުން ކަމެއް ބޭނުން ގޮތަކަށް ކުރުމަށްޓަކައި ޤާނޫނު އަސާސީއާ ޚިލާފަށް ޤާނޫނުތަކަށް ވެސް ބަދަލު ގެނެސްފައިވާ ކަމަށެވެ.
އެހެންކަމުން، އެމްޑީޕީ ސަރުކާރުގައި ކޮރަޕްޝަންގެ މައްސަލައެއް ހިނގާފައި އޮތް ނަމަ މިހާ ހިސާބަށް އައިރު އޮންނާނީ އެކަން ބައްލަވާފައި ކަމަށެވެ. އަދި ޕީޕީއެމުން މިހާރު އެމްޑީޕީގެ ސަރުކާރުގެ ކޮރަޕްޝަންގެ ވާހަކަ ދައްކަވަނީ ރައްޔިތުންގެ ކަންބޮޑުވުންތަކުގެ ވާހަކަ ދައްކާތީ އެވާހަކަ ދެއްކިޔަ ނުދިނުމަށް ކަމަށްވެސް މާރިޔާ ވިދާޅުވި އެވެ.
ސަރުކާރުގެ ކޮރަޕްޝަންގެ ފައިސާތައް ހޯދާނެ ވާހަކަ ދެއްކުމުން ސަރުކާރުން ދައްކަވާ ވާހަކަތަކުން ދޭހަވަނީ އެފައިސާތައް ފޮރުވާފައި ހުރީ ކަމަށާއި، އެހެން ނޫން ނަމަ އެފައިސާ ނުހޯދޭނޭ ކަމަށް އެހާ ޔަޤީންކަމާ އެކު ރައީސް ޔާމީން ވިދާޅު ނުވާނެ ކަމަށްވެސް މިއަދުގެ ޕްރެސް ކޮންފަރެންސްގައި މާރިޔާ ވިދާޅުވިއެވެ.